އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ރައީސް ސޯލިހް ނިންމަވާ، އެކަން އިއުލާނު ކުރައްވައިފިއެވެ.
މި މާއްދާގެ ހ. ބުނާގޮތުން އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗާގެ ދަށުން ހުށައެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ގައުމަކީ ކޮންވެންޝަންގެ ބާވީސް ވަނަ މާއްދާ ބަލައިގަނެ އެކަން އިއުލާނު ކޮށްފައިވާ ގައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ގައުމެއްގެ އިހްތިސާސް ހިނގާ ސަރަޙައްދުގައި ހުރި ފަރާތަކަށްވާނަމައެވެ.
އެގޮތުން މިއަދު ރައީސް ސޮއިކުރެއްވި ޑެކްލެރޭޝަންގެ ދަށުން، ރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.
މި ޑެކްލެރޭޝަން ހުށަހެޅުމަކީ، ކޮމިޓީ އެގެއިންސްޓް ޓޯޗަރއިން ރާއްޖެއިން ހުށަހެޅި އިނީޝަލް ރިޕޯޓު 2018 ނޮވެންބަރު މަހުގައި މުރާޖަޢާ ކުރުމަށްފަހު ހުށަހެޅުއްވި ކޮންކްލޫޑިންގް އޮބްޒަރވޭޝަންސްގައި ހިމެނޭ ރެކޮމެންޑޭޝަންއެކެވެ.