ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ހދ. ވައިކަރަދޫ ވައިޖެހޭގެ އަހްމަދު ފާއިޒް ހުސައިން އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފާއިޒު އައްޔަން ކުރުމަށް ރައީސް ސޯލިހް ލަފާ ދެއްވީ، އެ ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ މުހައްމަދު ވަކި ކުރުމާއި ގުޅިގެން ހުސްވި މަގާމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުލްޣަނީ ވަކި ކޮށްފައިވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް ޖޭއެސްސީން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނެވި މައްސަލަތަކަކާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އުއްތަމަ ފަނޑިޔާރު ކަމަށް ދާދި ފަހުން އައްޔަން ކުރެއްވި މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި ހުރިހާ ފަނޑިޔާރުންނަކީ ވެސް މިއަހަރުތެރޭގައި އައްޔަން ކުރެވުނު ފަނޑިޔާރުންނެވެ.