ޕާކިސްތާނުގެ ކުރީގެ ރައީސް އަދި އަސްކަރީ ލީޑަރު ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

މުޝައްރަފުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ގައުމަށް ގައްދާރުވިކަމުގެ ތުހުމަތުގައި އޭނާއާއި ދެކޮޅަށް ޝަރިއަތް ހިންގުމަށް އެކުލަވާލި 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ބެންޗުންނެވެ.

މިއީ ޕާކިސްތާނުގެ ތާރީހުގައިވެސް މިފަދަ ހުކުމެއް އިއްވިގެން ދިޔަ ފުރަތަމަ ފަހަރެވެ.

މުޝައްރަފު މެރުމަށް 3 ފަނޑިޔާރުންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. 2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އަމިއްލަފުޅަށް އަރުވާލެވިގެން މުޝައްރަފު ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީގައެވެ. އަދި ސިއްހީ ހާލުކޮޅު ތަންނުދޭތީ އެނބުރި ޕާކިސްތާނަށް ވަޑައިގެންނެވެން ނެތް ކަމަށް އޭނާއާއި އޭނާގެ ވަކީލުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ގައުމަށް ގައްދާރުވިކަމުގެ ކުށުގެ ދައުވާ މުޝައްރަފާ ދެކޮޅަށް ކުރަމުންދަނީ ގަވައިދާ ހިލާފަށް ގާނޫނު އަސާށީ އުވާލާ، 2007 ވަނަ އަހަރު ކުށްލި ނުރައްކާ އިއުލާން ކުރެއްވި މައްސަލައާއި ގުޅިގެންނެވެ.

މިދައުވާއަށް މުޝައްރަފު ގެންދެވީ ތަކުރާރުކޮށް އިންކާރުކުރައްވަމުންނެވެ. އަދި މި ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި އުފުލާ ދައުވާތަކެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޕާކިސްތާނުގެ ރައީސްކަން ކުރެއްވި މުޝައްރަފަކީ ޕާކިސްތާނުގެ ލީޑަރެއްގެ ގޮތުގައި އެގައުމަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެއް ލީޑަރުވެސްމެއެވެ.