ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން އުޅެނިކޮށް ހުއްޓުވި 250 މީހުން ތިބީ މުޖުތަމައަށް ދޫކޮށްފައި ކަމަށް ފުލުހުން ބުނެފިއެވެ.

ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާމަ ކުރެއްވީ، "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ. ސީޕީ ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމައަށް ދާން އުޅުނުމީހުންގެ ތެރެއިން 250 މީހުން ހުއްޓުވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެ ސީޕީ ހާމަ ކުރެއްވި އަދަދަކީ އެއީ ހަނގުރަމައަށް ދާން އުޅެނިކޮށް 2012 ވަނަ އަހަރުން ފެށިގެން ހުއްޓުވި މީހުން ކަމަށެވެ. އަދި އޭގެ ތެރޭގައި މާލެއިން ފުރަން އުޅެނިކޮށް ހުއްޓުވި މީހުންނާއި ބޭރު ގައުމުތަކުން ހުއްޓުވައިގެން އަނބުރާ ރާއްޖެ ގެނައި މީހުން ވެސް ހިމެނޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ހަނގުރާމައަށް ދާން އުޅެނިކޮށް ހުއްޓުވި މީހުން ތިބީ މުޖުތަމައަށް ދޫކޮށްލާފައި ކަމަށެވެ. އަދި އެ އެންމެންގެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރި ކަމަށާއި ބައެއް މައްސަލަތައް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއިރު، ބައެއް މައްސަލަތައް ސާބިތު ނުކުރެވިގެން ފައިލް ކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، އިއްޔެގެ ޕެނަލް ޑިސްކަޝަންގައި ސީޕީ ވަނީ ހަރުކަށި ފިކުރުގެ 1،400 އެއްހާ މީހުން ދިވެހިންގެ ތެރޭގައި މިހާރުވެސް އެބަ ތިބި ކަމަށް ފުލުހުންނަށް މިހާތަނަށް އެއް ކުރެވިފައިވާ ތަފާސް ހިސާބުތަކުން އެނގިފައިވާ ކަމަށް ވިދާޅުވެފައެވެ. ސީޕީ ވިދާޅުވީ ހަރުކަށި ފިކުރަށް ވަދެގެން ގޮސް، ޖެހިގެން ހުރި މީހާ މަރާލުމަށް ފަސް ނުޖެހޭ ދަރަޖައަށް ބައެއް ދިވެހިންގެ ވިސްނުން ގޮސްފައިވާ ކަމަށާއި އެ ފިކުރުގައި ޖެހިފައި ތިބި، ދިވެހިން މިވަގުތުވެސް ރާއްޖޭގައި އުޅެމުން ދާ ކަމަށެވެ.

ހަނގުރާމައަށް ދިއުމުގެ ނުވަތަ ދާން އުޅުނު ކަމުގެ ތުހުމަތުގައި ބައެއް ދިވެހިންގެ މައްޗަށް މީގެކުރިން ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ކޮށްފައި ވީނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ދައުވާއެއް ސާބިތުވެފައެއް ނުވެއެވެ. އަލްޖަޒީރާ އިން "101 އީސްޓް އަލްޖަޒީރާ - ޓްރަބަލް އިން ޕެރެޑައިސް"ގެ ނަމުގައި ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓްރީއެއްގައި މިކަމާ ބެހޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވާ ގޮތުގައި، މި ދައުވާތައް ސާބިތު ނުވަނީ، ހަނގުރާމައަށް ދާމީހުން ސީރިއާއަށް ދިޔަކަމަށް އިންކާރު ކުރުމުންނާއި، ޕާސްޕޯޓަކާއި ވެސް ނުލާ ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ހުރަސް ކުރާތީ، އެކަމުގެ އެއްވެސް ހެއްކެތް ނެތުމުންނެވެ.