ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް ބަލަންޖެހޭނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ،

ރައީސް ސޯލިހް މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުހހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.‎ މި ބައްދަލުވުން ނިންމުމުގެ ގޮތުން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، ގިނަ އަދަދެއްގެ ކައުންސިލަރުންގެ ބައިވެރިވުން ފެނިގެންދިޔަ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ބަޖެޓް ތަންފީޒު ކުރެވެމުންދާއިރު، މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކުރިޔަށް ގެންދިއުމަށް ރައީސް ސޯލިހް ވަނީ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

"ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ރައީސް ސޯލިހް ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރައްވާފައެވެ. ގާނޫނު އަސާސީއަށް ގެނައި މި އިސްލާހާއެކު، ރާއްޖޭގެ ދާއިރާތައް ހިންގުމަށް އަންނަ ބޮޑު ބަދަލުގެ ތެރެއިން އިދާރީ ދާއިރާތަކުގެ ހިންގުމުގައި ކުރިމަތިވެދާނެ ގިނަ ގޮންޖެހުންތަކުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

ވިޔަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ކައުންސިލްތަކަށް އަލަށް ލިބިގެންދާ ބާރުތަކާއި އިހްތިޔާރުތަކުގެ އިތުރުން ކައުންސިލްތަކަށް އެކަށައެޅޭ ބަޖެޓުގެ ތެރެއިން ދާއިރާގެ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް ހިންގުމުގައި ކުރިމަތިވެދާނެ ބައެއް ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކުރެވި ހިޔާލު ބަދަލުކުރެވިފައިވެއެވެ.‎

މުޅި ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްގީގެ އެންމެހާ މަޝްރޫއުތަކާބެހޭ މަޢުލޫމާތު އެއްތަނަކުން ހޯދޭނެގޮތަށް ފަރުމާކުރެވިފައިވާ "އައިލްސް" ވެބްސައިޓް ވަނީ މި ބައްދަލުވުމުގައި އިފްތިތާހު ކޮށްފައެވެ. މިއަދުން ފެށިގެން މި ވެބްސައިޓު މެދުވެރިކޮށް ރާއްޖޭގައި ކުރިޔަށްގެންދާ އެންމެހާ މަޝްރޫއުތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހް ވަނީ އެންމެން ގުޅިގެން ތަރައްގީގެ މަގުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ‎

މި ބައްދަލުވުމުގެ ސެޝަންތަކުގައި ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް، ކައުންސިލަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، ސެޝަންތަކުގެ އެކި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.