ރާއްޖޭގައި ހަރުކަށި ފިކުރު ނުރައްކާ ދަރަޖައަކަށް ގޮސްފައި ވާ ކަމަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނުމަށް ރާވައި، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަޝިޕާ އެކު ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ބޮން ގޮއްވަން އުޅުނު ކަމަށް ރާއްޖޭގެ ސަލާމަތާ ބެހޭ އިދާރާތަކުން މިއަދު ހާމަކޮށްފިއެވެ.

ރާއްޖޭގެ ސަލާމަތާއިބެހޭ އިދާރާތަކުން މިހެން ބުނެފައި ވަނީ ކްރޮސްރޯޑްސްގައި ކުރިއަށް ދާ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ރާއްޖޭގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމް އޮތް މިންވަރު އަންގައިދިނުމަށް ދިން ޕްރެޒެންޓޭޝަނުގައި ޓެރަރިޒަމްގެ ޓައިމްލައިން އަށާއި، ހަރުކަށި ފިކުރަށް ތަބާވަމުންދާ މީހުންގެ ފަރާތުން ފެންނަ މައްސަލަތަކާއި އޭގެ ސަބަބުން މުޖުތަމައު ތެރޭގައި އުފެދޭ މައްސަލަތަކަށާއި ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި އޮތް މިންވަރަށް ވަނީ ބަލައިލާފައެވެ.

ފުލުހުންގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވި މުހައްމަދު ޔަމާނީ ޖައުފަރު ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމް އާއި ހަރުކަށި ފިކުރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި، އެކަން ހުއްޓުވަން އެންމެ މުއައްސަސާއަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ޓެރަރިޒަމްގެ ޓައިމްލައިން ދައްކާލަމުން ޔަމާނީ ވިދާޅުވީ ޓައިމްލައިނަށް ބަލާލާއިރު، ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނުމުގެ ހަރުކަށި ވިސްނުން މިހާރު "ހާޑް އެޕްރޯޗަށް" ބަދަލުވަމުން އަންނަ ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރު ގެއްލުވާލާފައި ވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލުމާއި އައިއެސް ދިދަ ހިފައިގެން މާލޭގެ މަގުތައް މަތީގައި ހިނގާލުމެއް ކުރިއަށް ގެންދިއުން ފާހަގަ ކުރިއެވެ. އަދި 2015 ވަނަ އަހަރު މުލީއާގޭ ކައިރީ އައިއީޑީއެއް ގޮއްވާލަން އުޅުނުކަން ސާބިތުވެ، ތިން މީހަކަށް 17 އަހަރުގެ ޖަލު ހުކުމެއް އަދި އެކަކަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާ އިރު 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ފަހު، 2017 ގައި ދެ އައިއީޑީއެއް ތައްޔާރުކޮށް ރައްޔިތުންނަށް ޓާގެޓް ކުރެވިގެން އެ މަސައްކަތް ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިއަހަރު ވަނީ، ހަނގުރާމައަށް މީހުން ފޮނުވާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފައެވެ.