ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ފެންނަނީ ފޮތް ފިހާރަތަކާ ފޭރާމާއި ބޫޓު ވިއްކާ ފިހާރަތައް ފިތި ބާރުވެފައިވާ މަންޒަރެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ދެން މަހެއްހާ ދުވަސްވެސް ނެތެވެ.

ރާއްޖޭގައި ތައުލީމު ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ފަށާ ތައުލީމުގެ ހަރުފަތްތަކަށް އެރުމަށް ދަރިފުޅު ފޮނުވާނެ ސްކޫލެއް އިހުތިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަމެއް ބެލެނިވެރިންނަކަށް ނޯވެއެވެ. ކަމާބެހޭ ފަރާތްތަކުން އެއިރަކު ގެންގުޅޭ ޗާޓަކަށް ފައްތައިގެން، އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރި ސްކޫލްތަކަށް ޖާގަ ހުރި ވަރަކުން ކުދިން ބަހަމުން ދަނީއެވެ. ކަންމިހެން އޮތް ނަމަވެސް، ކިންޑަގާޓަން އާއި އެއަށްވުރެވެސް ހަގު އުމުރުތަކުގައި ދަރިފުޅު ދާނެ ސްކޫލެއް ހިޔާރު ކުރުމުގެ ފުރުސަތު މައިންބަފައިންނަށް އޮވެއެވެ. މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ސަމާލުކަން ދޭންވާނެއެވެ. މިއީ ދަރިފުޅުގެ އިލްމީ ހަޔާތުގެ އެންމެ އަސާސީ ބިންގަލެވެ.

ތައުލީމީ ދުނިޔެއަކަށް ދަރިފުޅު އަޅާ ފުރަތަމަ ފިޔަވަޅުވެސް އަޅަނީ ސީދާ ބިންގަލެއްގެ މަތީގައި ތޯ ކަށަވަރު ކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. ދަރިފުޅު ފޮނުވާނެ ސްކޫލެއް އިހުތިޔާރު ކުރުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. މިއީ ތައުލީމީ ކޮންމެ މަރުހަލާއަކަށްވެސް އެކަށީގެންވާ ކަންތައްތަކެކެވެ.

އިންޑިއާގެ ހައިދަރުއާބާދުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ހިންގާ ސްކޫލެއްގެ ޕްލޭ-އޭރިއާ/ފޮޓޯ: އެމޭޒް އޯން

ސާފުތާހިރުކަން

ތައުލީމީ ހަޔާތޭ ބުނުމާއެކު މޮޅެތި މަންހަޖުތައް ތަސައްވުރު ކުރެވުނު ކަމުގައި ވީ ނަމަވެސް ދަރިފުޅުގެ ތައުލީމީ ހަޔާތުގެ ބާއްޖަވެރިކަން ގުޅިފައިވާ އެންމެ ބޮޑު އެއް ކަމަކީ ސްކޫލް މާހައުލުގެ ސާފުތާހިރުކަމެވެ. ތުއްތު ކުދިންނަށް ހާއްސަ ކޮށްފައި ހުންނަ ސްކޫލެއް ނަމަ މިކަމަށް ވިސްނަންޖެހޭ ވަރު އިތުރުވެސްމެއެވެ.

ދަރިފުޅު ދާ ސްކޫލްގައި ކުޅެ އުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދަކީ ގަވައިދުން ސާފުކޮށް، ތާހިރުކޮށް ސްޓެރެލައިޒް ކުރެވިފައި އޮންނަ ސަރަހައްދެއްތޯ ކަށަވަރު ކުރާށެވެ. އަދި އިންޑޯ ނުވަތަ އެތެރޭގެ ވެއްޓަކީވެސް ސާފު މާހައުލަކަށް ވާންވާނެއެވެ.

މީގެ އިތުރުން، އެ ސްކޫލްގައި ހިދުމަތް ދޭން ތިބޭ މުވައްޒަފުންނަކީވެސް ސާފުތާހިރު ބައެއްތޯ ކަށަވަރު ކުރާށެވެ. އަދި އެއީ ސިއްހީ ކަންކަމަށް ހޭލުންތެރި، އެކަމަށް އަހުލުވެރި ބައެއްތޯވެސް ޔަގީން ކުރާށެވެ. އެގޮތުން ސިއްހީ ގޮތުން އަވަސް ފަރުވާ ބޭނުންވާ ކުށްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށް ތަމްރީނު ދެވިފައިވާ މުވައްޒަފުން ތިބި ތޯއާއި، އެފަދަ ވަސީލަތްތައް ސްކޫލްގައި ގާއިމުވެފައިވޭތޯ ކަށަވަރު ކުރާށެވެ.

އިތުރު ހަރަކާތްތައް

އިލްމީ މަންހަޖުގެ ބޭރުން އެއާއި އެކުވެގެން އަންނަ ކޯ-ކަރިކިއުލާ ހަރަކާތްތަކަކީވެސް ދަރިފުޅުގެ އުޖާލާ މުސްތަގުބަލަކަށް މުހިންމު އަސާސެކެވެ. އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މަންހަޖަކުން، ދަރިފުޅުގެ ހަގީގީ ތަރައްގީ އަދި ނުފެނިދާނެއެވެ. އިތުރު ހަރަކާތްތައް ނުބަތަ ކޯ-ކަރިކިއުލާ ހަރަކާތްތައް އިތުރު ކުރުމަކީ ދަރިވަރުގެ ތޫނުފިލިކަން އިތުރުވި، އަނެކުންނާ ގުޅުން ބަދަހިކުރުން ފަދަ އިޖުތިމާއީ އެތައް އާދައެއް ދަސްކޮށްދޭނެ ކަމެކެވެ.

އެމެރިކާގެ ޕެންސަކޯލާގެ ސްކޫލެއްގައި ކިޔަވާ ކުދިންތަކެއް ކޮންސެޓަކަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ/ފޮޓޯ: ޕެންސަކޯލާ ނިއުސް ޖާނަލް

އެހެންކަމުން، ދަރިފުޅު ގެންދާނެ ސްކޫލެއް ހިޔާރު ކުރާއިރު މިފަދަ ކަންކަމަށް ފުރުސަތު ހުޅުވިފައިވާ މިންވަރަށް ވިސްނަންވާނެއެވެ. އެއީ އެންމެ ތުއްތު އުމުރުފުރާ ކަމުގައި ވީ ނަމަވެސް، ފޮތް ފަންސޫރުގެ ބޭރުން އިތުރު ތަޖުރިބާއެއް ދަރިފުޅަށް ލިއްބައިދެނިވި މާހައުލަކަށް އެ ދަރިފުޅު ފޮނުވުމުގެ ފައިދާ، އުމުރު ދުވަހަށްވެސް ކުރާނެކަން ޔަގީނެވެ.

ސްކޫލް ސަރަހައްދާ ގަޑިތައް

ދުނިޔޭގެ ބައެއް ހިސާބުތަކުގައި ދަރިވަރުން ސްކޫލުތަކަށް ބެހުމުގައި ބަލާ މިންގަނޑެއް އޮވެއެވެ. އެއީ އެ ދަރިވަރަކު ދިރިއުޅޭ ގެއާއި އެންމެ ދުރުވެގެންވެސް 5 ކިލޯމީޓަރު ދުރުގައި ހުންނަ ސްކޫލަކަށް ވާންޖެހޭ ކަމެވެ. ބިމުގެ ނިސްބަތް އިންތިހާއަށް ކުޑަ މި ރާއްޖޭގައި މިއީ ހާސިލުކުރަން މާ އުނދަގޫ އަމާޒަކަށް ނުވެއެވެ. ސްކޫލްތަކުގެ އަދަދުވެސް އެކަށީގެންވާ މިންވަރަކަށް އިތުރުވަމުން އަންނައިރު، ދަރިވަރުން ދާންޖެހޭ ސްކޫލްތައްވެސް އާންމު ގޮތެއްގައި ގެއާއި މާ ދުރެއް ނޫނެވެ.

ކުޑަ ކުއްޖަކު ސްކޫލަށް ދާން އެކަނި މައި އެކަނި ސްކޫލު ބަހަށް އަރަނީ/ފޮޓޯ: ވައިޓީ އިމޭޖަޒް

ކަންމިހެން އޮތް ނަމަވެސް، ދިރިއުޅުމަށް އަންނަ ބަދަލަކުން ނުވަތަ އެނޫންވެސް ސަބަބަކާ ހެދި ދުރު ސްކޫލަކަށް ދަރިފުޅު ގެންދަންޖެހޭ ހާލަތެއް އަތުވެދާނެއެވެ. މިފަދަ ހާލެއްގައި އިސްކަން ދޭންވީ ދަރިފުޅުގެ ދިރިއުޅުމުން ވަގުތުތަކެއް ނަގާ ނުލުމަށެވެ. އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ދަރިފުޅުގެ މުސްތަގުބަލަށެވެ. ދިގު ދަތުރުތަކެއް ކޮށް ވަރުބަލިވެގެން ސްކޫލަށް ގޮސް އެކުއްޖާގެ އެ މައުސޫމު ސިކުނޑިއަށް ވިސްނޭނީ ކޯއްޗެއް ހެއްޔެވެ؟

ހަމަ މިފަދައިން، ސްކޫލް ގަޑިތައް ރޭވިފައި އޮންނަ ގޮތަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ރާއްޖެއަށް ބަލާއިރު އަދި މިއީ އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭ އުސޫލެއް ކަމަކަށް ނުދެންނެވޭނެއެވެ. މިސާލެއްގެ ގޮތުން ދަންނަވަނީނަމަ، ދެ ނަމާދު ދޭތެރެއޭ އާންމުކޮށް މިކިޔާ މަޣްރިބް ނަމަދާ، އިޝާ ނަމާދުގެ ވަގުތަކީ ވަކިން ހާއްސަކޮށް، ކުޑަކުދިން ބޭރު ތެރެއަށް ނެރެން އެންމެ ރަނގަޅު ވަގުތެއް ނޫންކަން އަޅުގަނޑުމެން އެންމެންވެސް ދަނެއެވެ. ނަމަވެސް ބައެއް ސްކޫލްތަކުގައި ގަޑިތައް ރޭވިފައި ހުންނަނީ އެހެންތޯއެވެ. އެންމެ ތުއްތު ކުދިންނަށް ހާއްސަކޮށްފައި އޮންނަ ދަންފަޅުވެސް ގިނަ ފަހަރަށް ނިމޭނީ އިރުއޮއްސި 06:00 ޖަހާއިރުއެވެ. ކާރޫބާރޫ ބޮޑު މަގުތަކުން ގެއަށް ދެވުމުގެ ކުރިން ރަތްވިލާލާ، ބަންގި ގޮވައެވެ.

ސަލާމަތާ ރައްކާތެރިކަން

ސްކޫލަކީ ގޭގެ މާހައުލުން ބޭރުގައި ދަރިފުޅު އެންމެ ގިނަ ވަގުތު ހޭދަކުރާނެ ވެއްޓެވެ. ކަންމިހެން އޮތްއިރު، މިއީ ތިބާ ދެލޯނޭދި އެދޭ ދަރިފުޅުގެ ސަލާމަތާ ރައްކާތެރިކަން ލިބިދޭ ތަނެއްކަން ކަށަވަރު ކުރަންޖެހެއެވެ. ކިތަންމެ ދޮއްޓަށް، ހަގަސް، މިކަން އޮތީ މިހެނެވެ.

ކުޑަކުދިންތަކެއް، އެކުދިން ކުލާހުގައި ކުރި މަސައްކަތް ދައްކާލަނީ/ފޮޓޯ: ބްލޮގްސްޕޮޓް

ސްކޫލްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދަރިފުޅަށް ހުރި ނުރައްކަލަކަށް ވެގެން ނުވާނެއެވެ. އަދި ސްކޫލްގެ ބިނާވެށީ ފަރުމާކޮށްފައިވަނީވެސް ދަރިފުޅަށް ގެއްލުމެއް ނުލިބޭހާ ރައްކާތެރިކޮށްތޯ ކަށަވަރު ކުރަންވާނެއެވެ. ކުށްލި ހާދިސާތަކާ ކާރިސާތަކުގައި އަމަލުކުރާނެ އުސޫލެއް އޮތްތޯ ބަލާ، އެކަމަކަށް ޚުދު ބެލެނިވެރިޔާވެސް އަހުލުވެރިވާންވާނެއެވެ.

މިހުރިހާ ކަމަކީ ބެލެނިވެރިއަކު އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލައަށް ކުރާ ދިރާސާތަކުން ގިނަ ފަހަރަށް ލިބޭނީ އެ ސްކޫލަކުން ދައްކަން ބޭނުންވި ތަސްވީރެކެވެ. އެހެންކަމުން، އެ ސްކޫލެއްގައި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންގެ ހިޔާލު ހުރި ނެތް ގޮތެއް އަބަދުވެސް ބަލަން ވާނެއެވެ. އެއިރުން، ކުރިން އެނގިފައި ނެތް ކިތަންމެ ކަމަކަށް ލޯހުޅުވި، ދަރިފުޅަށް އެންމެ އުޖާލާ މަސްތަގުބަލެއް ހޯދާދިނުމަށް އިތުރު އެހީއަކަށް ވެގެންދާނެއެވެ.