އަނިޔާވެރިކޮށް ގަތުލުކޮށްފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުގައި، ޕީޕީއެމް ކުރީގެ ކައުންސިލް މެންބަރު ޒާހިދުގެ ނަން ހުށަހަޅާފައި ވުމުން ގާތިލެއްގެ ދިފާއީ ހެއްކަކަށް ވުމަށް އޭނާ ދެކޮޅު ކަމުގައި ބުނެފިއެވެ.

ޒާހިދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން ރަޝީދު އަނިޔާވެރިކޮށް ގަތުލުކޮށްލި މައްސަލާގައި ތުހުމަތުކުރެވޭ މ.ތާއިފް އިސްމާއީލު ރަޝީދުގެ ދިފާއީ ވަކީލު، މައުމޫނު ހަމީދު އޭނާގެ ނަން ދިފާއީ ވަކީލެއްގެ ގޮތުގައި ހުށަހަޅާފައި ވުމަކީ އޭނާއަށް ކުއްލި ސިހުމަކާއި ހައިރާންކަމެއް ލިބުނު ކަމެއް ކަމުގައެވެ. އަދި މައުމޫނު ހަމީދުގެ އަނބިކަބަލުންގެ ކޮއްކޮ ކުށުގެ ތުހުމަތުން ސަލާމަތްކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތުމަކީ ޒާހިދުގެ ކުށެއް ނޫން ކަމުގައެވެ. އަދި ގާތިލެއްގެ ދިފާއީ ހެއްކަކަށް ވުމަށް އޭނާ ދެކޮޅު ކަމުގައިވެސް ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެމައްސަލާގައި ތުހުމަތުކުރެވޭ އިސްމާއީލު ރަޝީދަކީ ޒާހިދަށް އެއްވެސް ވަރަކަށް އެނގޭ އަދި އެއްވެސް ވަރަކަށް ދަންނަ މީހެއް ނޫނެވެ. އަދި އޭގެ އިތުރުން ޒާހިދާއި ޔާމީން ރަޝީދުގެ މަރާ ގުޅުވައިގެން ވާހަކަތަކެއް ބަޔަކު ދައްކާތާ ދުވަސްތަކެއް ވެއްޖެ ކަމުގައިވެސް ޒާހިދު ފާހަގަ ކުރިއެވެ. އޭގެ އިތުރުން ޒާހިދާއި އޭނާ ނިސްބަތްވާ ޕީޕީއެމް ސިޔާސީ ގޮތުން ބަލިކަށިކުރުމުގެ ގޮތުން އެފަދަ ވާހަކަތައް ދައްކާ ކަމުގައިވެސް ޒާހިދު ފާހަގަ ކުރެއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ރައީސްގެ މަގާމު ފަދަ ގަދަރުވެރި މަގާމެއްގައި ހުންނެވި ބޭފުޅަކު، މިމައްސަލައާ އެއްވެސް ގޮތަކުން ގުޅުމެއް ނެތް، އަދި ފުލުހުންނާއި ޕީޖީއިންވެސް ތަހުގީގުގައި ސުވާލެއްވެސް ކޮށްފައިނުވާ މީހެއްގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން މައުމޫނު ހަމީދު ތަމްސީލު ކުރައްވާ މީހާގެ ކުށުގެ ތުހުމަތުން ބަރީއަކުރަން ބޭނުންވާ މިންވަރަށް ހެކި ނެތްކަންވެސް އެނގިއްޖެ ކަމުގައި ޒާހިދު ބުނެފައިވެއެވެ. އަދި މައުމޫނު ހަމީދު އާއިލީ ޖަޒުބާތުގައި ޖެހިވަޑައިގެން އިސްމާއީލު ރަޝީދުގެ ދިފާއުގައި ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން އިތުރަށް ފަޟީހަތް ނުވަނީސް އެކަން ހުއްޓަވާލައްވައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ގާތިލެއް ސަލާމަތް ކުރައްވަން ކުރައްވާ މަސައްކަތް ހުއްޓައިލެއްވުމަށް ވެސް އޭނާ ގޮވާލައެވެ.