13 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގިކަމުގެ ތުހުމަތު ގައި ހައްޔަރުކުރި، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ހައްމާދަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމުގައި ޒަހަމްވި، ރ. މަޑުއްވަރީ ޒުވާނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. ހައްމާދުގެ މައްސަލަ ބަލަނީ ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ މައްސަލައެއްގެ ގޮތުގަ އެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ އޭނާ އެ ކުއްޖާއާ ކޯޓުން ބޭރުން ކައިވެނި ކުރިކަން އެނގިފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ނޮވެމްބަރު 30 ވަނަ ދުވަހު ހައްމާދު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓަން އަމުރު ކުރީ ޑިސެމްބަރު އެއް ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. ބަންދުގެ މުއްދަތު ހަމަވާތީ ބަންދު އިތުރު ކުރަން ފުލުހުން މިއަދު އޭނާ ކްރިމިނަލް ކޯޓަށް ގެންދިޔައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ހައްމާދު ކޯޓުން ބޭރުގައި ކައިވެނި ކުރި ކަމަށް ބުނާ 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވެ ވިހައިވެސް ވެއެވެ. އެ ދެ ކުދިންވެސް މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ކުދިންނަަށް އިހުމާލުވުމުގެ ތުުހުމަތުގައި 13 އަހަރުގެ ކުއްޖާގެ މައިންބަފައިން ވަނީ ހައްޔަރުކޮށްފަ އެވެ.