ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ހުރިހާ ކައުންސިލަރުންގެ މަހާސިންތާއެއް މިއަދު މެންދުރުފަހު ކްރޮސްރޯޑްގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު މެންދުރުފަހު ކްރޮސްރޯޑްސްގައި ފަށާ މި މަހާސިންތާއަކީ ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ މަހާސިންތާއެކެވެ. އަދި މި މަހާސިންތާގައި ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާއި 2020 އަށް ފާސްކުރި ބަޖެޓަށް ކައުންސިލަރުން އަހުލުވެރި ކުރުވުމާއި ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.

'ވިޔަވަތި'، މި ނަމުގައި ހިންގާ މި މަހާސިންތާގެެ ތެރެއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ރައީސް ސޯލިހް ތަސްދީގު ކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ލާމަރުކަޒީ ބިލު ފާސްކޮށްފައެވެ. ނަމަވެސް ރައީސް ސޯލިހް އަދި އެ އިސްލާހު ތަސްދީގެއް ނުކުރައްވައެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ. އަދި ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރުމާއި ކައުންސިލްތަކުގެ 33 ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައެޅުމަށް ވެސް އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.