ދިވެހި ޑިމޮކްރަސީގެ 2 ބާރު ކަމަށްވާ ދައުލަތް ހިންގުމުގެ ބާރާ ގާނޫނު ހަދާ މަޖިލީހުގެ ބާރުގެ ވަފުތެއް މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، ޗައިނާގެ ސަފީރު ޒިއާންގް ލިޒޯންގްގެ ވަރުގަދަ ފާޑުވިދާޅުވުންތަކަކާ ސުވާލުތަކެއް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި ހާރިޖީ ވަޒީރު ވަޒީރު ޢަބްދުﷲ ޝާހިދުއަށް ކުރިމަތި ކުރައްވައިފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބައެއް މީޑިއާއަށް ދެއްވަމުން ގެންދަވާ ބަސްދީގަތުންތަކާ ގުޅިގެން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކުރައްވަމުން ގެންދެވި ޓްވީޓްތަކެއްގައި ރައީސް ސޯލިހުއާއި ނަޝީދު އަދި ޝާހިދުގެ ރަސްމީ ޓްވިޓާ ހޭންޑްލް ޓެގް ކުރައްވަމުން ސަފީރު ޒިއާންގެ ވިދާޅުވީ، ދިވެހި ސިޔާސީ ބޭފުޅަކު އަނެއްކާވެސް ޗައިނާއާ ބެހޭ ގޮތުން އެއްވެސް އަސާސެއް ނެތް، ހައްސާސީ ވާހަކަތަކެއް ދައްކަވާފައިވާކަމަށެވެ.

މިމޭރުމުން ކުރެއްވި ފުރަތަމަ ޓްވީޓްގައި ސަފީރު ވަނީ ޗައިނާއަކީ ރާއްޖެއިން ބިން ފޭރޭ ގައުމެއް ތޯ ސުވާލު ކުރައްވާފައެވެ. އަދި ޗައިނާއިން ރާއްޖޭގައި ކުރި އިންވެސްޓްމަންޓްތަކަކީ އެހެން ގައުމުތަކުންވެސް އެކަންކުރާ އުސޫލުންކޮށްފައިވާ ކަމެއް ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

މިއާއި ގުޅިގެން ކުރެއްވި 2 ވަނަ ޓްވީޓްގައި ސަފީރު ވިދާޅުވީ، މިހާ ހިސާބަށް އާދެވުނުއިރު ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް އިންވެސްޓްކޮށްފައި ވާނީ ޗައިނާގެ މަދު ކުންފުނިތަކަކުން ކަމަށާ، އަދި އިންވެސްޓްމަންތަކުގެ ވިޔަފާރިތައް އޮޕަރޭޓްކުރަންވެސް ނުފެށިވާ ކަމަށެވެ.

ދިވެހިރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަގު 1.5 ބިލިއަނެއްހާ ޑޮލަރަށް އަރާއިރު، މި ލޯނު ރީސްޓްރަކްޗާކޮށްގެން ދައްކާ ހަލާސްކުރުމުގެ އިޝާރާތްތަކެއް ދިވެހި ރާއްޖެއިން ވަނީ ކޮށްފައެވެ. މިކަމާ ގުޅިގެން ސަފީރު ވަނީ 'ދަރަނި ރީސްޓްރަކްޗާ ކުރުމޭތޯ' ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި އެކަމަށް އޮތީ ވަރަށް ސަރީހަ ޖަވާބެއް ކަމަށާ، އޭގެ ޖަވާބުގައި ދަންނަވަން އޮތްހާވެސް ވާހަކައަކީ މިނިވަންކަމާ އިސްތިގުލާލު ލިބިފައި އޮތް ގައުމެއްގެ ނަޒާހާތްތެރިކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި އެއްބަސްވުންތަކަށް އިހުތިރާމް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަފުޅުތަކާ ގުޅިގެން ސަފީރު ކުރެއްވި 5 ވަނަ ޓްވީޓްގައި ވިދާޅުވީ، ޗައިނާގެ ދަރަނީގެ 'ދަންތުރާގައި' ދިވެހިރާއްޖެ ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށެވެ. ޗައިނާއަކީ ކުރިއަރާ ދިއުމަށް އެހީވެދޭ ގައުމެއް ކަމަށާ، އެއްވެސް ހާލެއްގައި 'ދަންތުރަ' ތަކެއް ޖަހާ ގައުމެއް ނޫންކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ގިނަ މީހުން އެއްބާރުލުން ދޭ ގައުމުކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ރާއްޖެއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވަމުން ސަފީރު ވިދާޅުވީ، ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަކީ ދޭދޭ ގައުމުތަކުގެ ގުޅުންތަކާ ގުޅުންހުރި ކަންކަމުގައި މިހާރަށްވުރެ ޒިންމާދަރު ފިކުރެއް ގެންގުޅުއްވާ ބޭފުޅުންނަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ، އަދި އެ ބޭފުޅުންގެ ފިކުރަކީ ވަކި ގައުމަކަށް ނުބަލާ، ސީދާ ކަމަށް ބަލާ ފިކުރަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު ގާއިމުވެފައިވާ މުހިންމު ގުޅުން ދުޅަހެޔޮކަންމަތީ ރަނގަޅުމަގުން ކުރިއަށް ދިއުމަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ފިކުރު ބައްޓަންވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޗައިނާ ސަފީރު ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.