މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުންގެ އިނގިލީގެ ނިޝާން، ޑީއެންއޭ އަދި އިތުރު ހެކިތައް ހޯދައިފިއެވެ.
އދ. މާމިގިލީ، ގާސިމް ހަސަން، 59، ގެ ގާތިލުން ހޯދުމުގައި ފުލުހުންނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާންމު ކުރެއްވީ، ގާސިމްގެ މަރަށް ހަފްތާއެއް ވެފައި ވަނިކޮށެވެ.
ސީޕީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި ފެނިފައިވާ ކަމަށެވެ. އަދި ގާސިމް މަރާލުމަށް ބޭނުން ކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ފެނިފައިވާ ކަމަށް ސީޕީ މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ، ހުޅުމާލޭގައި ހުރި ސީސީޓީވީ ފޫޓޭޖުތަކުން ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ދެނެގަނެވިފައިވާ ކަމަށެވެ. ގާސިމްގެ ގާތިލުން ދެނެގަތުމަށް ލިބުނު މި ކުރިއެރުމާ އެކު ފުލުހުންގެ ޓީމެއް މިކަމުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރި ވަމުން ދަނީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުންނެވެ
ގާސިމްގެ ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. އެއީ، ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ. ގާސިމަށް ހަމަލާ ދީފައިވަނީ ގްރޫޕަކުން ކަމަށް ބުނާއިރު، ހަމަލާ ދީފައި ހުރީ ސީދާ އޭނާގެ ކަރަށް ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެއެވެ. ޒަހަމްތަކަކާއެކު ގާސިމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.
ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން އައި ގޮތުގައި 5656 ޓެކްސީ ސެންޓަރުގައި މަސައްކަތް ކުރި ގާސިމް ރަހުމް ކުޑަ ގޮތަކަށް މަރާލާފައި ވަނީ، ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ގާސިމްގެ ރައްޓެއްސެއް ކަމަށްވާ އިސްމާއިލް ޝަރީފް 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ބުނީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަތުން ގާސިމް ފައިސާތަކެއް ނަގާފައިވާ ކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.