ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް، މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިއްޔެ ހުށަހަޅައިފިއެވެ.

އެމައްސަލަ އޭސީސީއަށް ހުށަހަޅުއްވާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އަނިލް އަށް ތުހުމަތު ކުރަނީ އަދީބުގެ އަތުން 22 މިލިއަން ރުފިޔާ ނެންގެވި ކަމަށެވެ. އެ ފައިސާ އިން މެލޭޝިއާ އިން އެޕާޓްމެންޓަކާއި ކާރެއް ބައްލަވައިގެންނެވި ކަމަށް މައްސަލައިގައިވެއެވެ.

އަނިލް އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ދެ މައްސަލައެއް އާއްމު ފަރާތަކުން އޭސީސީ އަށް ހުށަހަޅާފައިވާ ކަން އެތަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

މިކަމާ ގުޅޭ ގޮތުން އަނިލްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަނިލް އަށް މީގެ ކުރިން ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން އޭޖީގެ މަގާމުގައި ހުންނަވައިގެން އެ އޮފީހަށް މުވައްޒަފުން ނެގުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރެއްވި މައްސަލައެއް ހިމެނެއެވެ. އަދި އޭރު ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނެވި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ވިޔަފާރި ކުންފުނި، ސަން ސިޔާމް ގްރޫޕަށް ޗައިނާގެ އެގްޒިމް ބޭންކުން ލޯން ހޯދަން ސޮވެރިން ގެރެންޓީ ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީއަށް މީގެ ކުރިން ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. އެކަމަކު އެއީ ކުރީގެ ސަރުކާރުގެ ނުފޫޒު އޭސީސީގެ މައްޗަށް އޮތް އިރު އެވެ. އޭރު އަނިލް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ކޮރަޕްޝަން ހިނގި ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ނުއަގުގައި ރަށްތައް ވިއްކި ގޮތާއި ދައުލަތުގެ ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލާއި ހިޔާނާތް ރޭވި ކޮޓަރި އާއި އެތަނަށް ވެންނެވުމުގެ ހުއްދަ އޮތް މީހުންގެ މައުލޫމާތު އޭސީސީން އާންމުކުރި ރިޕޯޓުގައިވެ އެވެ. އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އޮފީސް ކޮޓަރިއަށް އެކްސެސްވެވޭ ބޭފުޅުންގެ ތެރޭގައި އަނިލް ހިމެނިވަޑައިގަންނަވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އޭސީސީއަށް މީގެ ކުރިން އޭނާ ހާޒިރުކޮށް ސުވާލު ވެސް ކުރިއެވެ. އޭރު އަނިލް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ކޮރަޕްޝަން ހިނގި ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަދީބުގެ ނުފޫޒު އެންމެ ގަދަ ދުވަސްކޮޅު، އެންމެ ގާތްކޮށް އުޅުއްވި އަދި އެމްއެމްޕީއާރުސީގައި ހިޔާނާތް ރާވައި ހިންގި ކޮޓަރި އަށް ވެންނެވުމުގެ ހުއްދަ އޮންނަ މަދު ބޭފުޅުންގެ ތެރޭގައި އަނިލް ހިމެނޭ ކަމަށް އޭސީސީ އިން އާންމު ކުރި ރިޕޯޓްގައިވެއެވެ. އޭސީސީ އިން ވަނީ ނުއަގުގައި ރަށްތައް ވިއްކި ގޮތާއި ދައުލަތުގެ ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލާއި ހިޔާނާތް ރޭވި ކޮޓަރި އާއި އެތަނަށް ވެންނެވުމުގެ ހުއްދަ އޮތް މީހުންގެ މައުލޫމާތު އާންމުކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާއެކު އަނިލް ސިޔާސީ އެއްވެސް ހަރަކާތަކުން ފެނިފައެއް ނުވެއެވެ.