ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ގާއިމްކޮށްފިއެވެ.

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިއަށް ހާއްސަ ބިޒްނަސް ސެންޓަރެއް ހުޅުމާލޭ ރެނާޓަސް އިތާމުއި ބިލްޑިން ގައި ހުޅުވައިފައި ވަނީ ރެއެވެ. މިއީ މިގޮތުން މާލޭ ސަރަހައްދުގައި ހުޅުވުނު ދެވަނަ ބިޒްނަސް ސެންޓަރެވެ. މި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ މިކަމަށް ހާއްސަ ކުރެވިގެން މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރިލޭޝަންޝިޕް މެނޭޖަރުން ތިބެއެވެ. އަދި މި ސެންޓަރުން ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، މި ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ. މީގެއިތުރުން ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރިއާއި ސިނާއީ މަސައްކަތްތައް ކުރިއަރާ ދަނޑިވަޅެއްގައި މި ތަރައްގީއާ އެއްހަމައެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ހާއްސަ ބޭންކިން ހިދުމަތްތައް ގާއިމް ކޮށްދިނުމަކީ އެ ބޭންކުގެ އަމާޒެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކުރެވުނު ބިޒްނަސް ސެންޓަރު ވެގެންދާނީ ވިޔަފާރީގެ އެންމެހާ ބޭނުންތަކަށް އެކަށޭނަ ތަނަކަށް ކަމަށާއި ކަސްޓަމަރުންނަށް ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެދި ހުށަހެޅުމަށް އެކަށޭނަ މާހައުލެއް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް ސޯޔާ ވިދާޅުވިއެވެ.

މި ހިދުމަތާއެކު، ހުޅުމާލޭގައި ބީއެމްއެލްގެ ބްރާންޗަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބިގެން ދާނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.