މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފިއެވެ.

އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މޭޔަރު ޝިފާ މިހާރު އިންނެވީ އޭސީސީގައެވެ. ނަމަވެސް ޝިފާ އޭސީސީއަށް ހާޒިރު ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން އޭސީސީން ބުނީ، އެ ކޮމިޝަނުގެ ތަހުގީގަށް ނުވަތަ އެހެން ބޭނުމަކު ކޮމިޝަނަށް ހާޒިރުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ.

މޭޔަރު އޭސީސީއަށް ހާޒިރު ކޮށްފައި ވާއިރު، އޭސީސީން ވަނީ ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކުގެ މައްސަލައަކާ ގުޅިގެން މީގެ ކުރިން މާލެ ސިޓީ ކައުންސިލަށް ވެސް ވަނދެފައެވެ. މާލޭ ސިޓީ ކައުންސިލްގެ މައްޗަށް، ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅިގެން ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ފެންމަތި ކުރެއްވީ އެ ކައުންސިލްގެ މެންބަރު މުހައްމަދު ފަޒީންއެވެ.

މީގެ ކުރިން ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީ ކައުންސިލް ގެ ބައެއް މެންބަރުން ވަނީ ލޮނުޒިޔާރަތްކޮޅުގައި ހަދަމުންދާ ޕާކުގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް މާލޭ ސިޓީގެ މޭޔާ ޝިފާ މުހައްމަދު ވަނީ މި ވާހަކަތަށް ދޮގުކުރައްވައެވެ.