އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަރުން އިންތިހާބުކުރާނެ އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށެވެ. އޭގެ ތެރެއިން އަންހެން ކައުންސިލަރުންގެ އަދަދަކީ ސިޓީ ކައުންސިލް ނުލައި 372 އެވެ. ސިޓީ ކައުންސިލަށް 12 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމެޓީތަކަށް 929 މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓު ހާއްސަ ކުރަން ޖެހޭނެ ކަމަށެވެ.

ތެއްތިރީސް ޕަސެންޓް ދޭ މާއްދާގައި ބުނެފައިވަނީ އާބާދީގައި 3000 މީހުންނަށް ވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށް ވުރެ ގިނަ ވާނަމަ އެރަށެއްގައި ހަތް ކައުންސިލަރުން އަދި އޭގެ ތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެއެވެ.