ކުރިޔަށް އޮތް ދުވަސްތަކުގައި އެއްވެސް ކުޅިވަރެއް ތަފާތުކުރުމެއްނެތި، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ދޭންޖެހޭ އެންމެހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ސައުތް އޭޝިއަން ގޭމްސްގައި މެޑަލް ހޯދި އެތުލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގެ އެތުލީޓުންނަށް މަރުހާބާ ވިދާޅުވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެމަނިކުފާނުގެ އަރިހުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި، ދައުލަތުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ރައީސްވަނީ ސައުތް އޭޝިޔަން ގޭމްސްގައި މެޑަލް ހާސިލުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިން ހުރިހާ ކުޅިވަރު ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވަފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއަދަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް އައި ފާހަގަކޮށްލެވޭ ފަހުރުވެރި އުފާވެރި ދުވަހެއްކަމުގައި ވިދާޅުވެ، މިއީ ދިވެހި އެތުލީޓަކު ސައުތު އޭޝިޔަން ގޭމްސް މުބާރަތެއްގައި ރަން މެޑަލެއް ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ބައެއް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވީ ނަމަވެސް، މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރަމުން ދަނީ ކުޅިވަރަކީ ޒުވާނުންނަށް އަދި ގައުމަށް ނުހަނު ފައިދާކުރާ ދާއިރާއަކަށްވުމުންކަމުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ކޮންމެހެން ބޮޑު ގައުމަކަށް ވާކަށް ނުޖެހޭކަމަށާއި، ބޭނުންވަނީ ރަނގަޅު ޕްލޭނަކާއިއެކު ކުޅިވަރު ކުޅޭނެ ރަނގަޅު ވަސީލަތްތަކެއް ގާއިމުވެފައިވުންކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސްވަނީ މިފަހުން ރާއްޖޭގެ ހުރިހާ ކުޅިވަރެއްގައިވެސް އަންހެން ކުޅިވަރު ކުޅުންތެރިންގެ ބައިވެރިވުން އިތުރުކަން އުފަލާއެކު ފާހަގަކުރައްވާ، އެއްވެސް އެތްލީޓަކު ތަފާތުކުރުމެއްނެތި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައި ވިދާޅުވެފައެވެ.