ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުން އެމަނިކުފާނަށާއި ސަރުކާރަށް ލިބެނީ ހިތްވަރެ ކަމަށާއި އެއީ އޮތް ބިރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޮންމެ މީހަކަށްވެސް ބޭނުންވާ އެންމެ އަސާސީ އެއް ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ. އެއީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ހައްގެއް ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން އަބުރުގެ ގަނޫނެއް ފާސްކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަސްތޮޅު އެޅުވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދިނުމަކީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ޖެހިލުންވާންޖެހޭ ކަމެއް ނޫން، ހަމަ ގައިމުވެސް އަޅުގަނޑަކަށް އެއީ ބިރެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަގާމާއި ހަވާލުވެލެއްވުމަށްފަހު އެންމެ ފުރަތަމަ ތަސްދީގު ކުރި ބިލަކީވެސް އަބުރުގެ ގާނޫނު އުވައިލުމުގެ ބިލް ކަމަށެވެ. އެއީ ގާނޫނުއަސާސީގެ އިމުގެ ތެރޭގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން އެއްވެސް މީހަކަށް ގާނޫނީ އަދަބަކާ ކުރިމަތިލާން ނުޖެހޭނެކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީގެން، ނޫސްވެރިކަމުގެ މިނިވަންކަންވެސް މިއޮތީ ދޫކޮށްލާފައި، ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އަދި ބުނާ ކޮންމެ ބަހަކަށް، މީޑިއާތަކުގަޔާއި، ސޯޝަލް މީޑިއާގައިވެސް އެ އަންނަނީ ފާޑުކިޔައި ހިޔާލު ފާޅުކުރަމުން، އެއީ އަޅުގަނޑަށްވެސް އަދި މި ސަރުކާރަށްވެސް ލިބޭ ހިތްވަރެއް، އަދި ދައުލަތުގެ ޒިންމާތަކާ ހަވާލުވެގެން ތިބޭ މީހުން ޒިންމާދާރުވުމަށް އެޅޭ ވަރަށް ބޮޑު ބާރެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައިވާ ދުވަސްވަރު އަބަދުވެސް އިވެމުންދިޔައީ ސަރުކާރުން ނުޙައްގުން އަނިޔާކުރާ ވާހަކަ ކަމަށެވެ. މީހުންގެ ހައްގުތައް ނިގުޅައިގަންނަ ވާހަކަ ކަމަށެވެ. ނަމަވެސް މިހާރު ހިޔާލު ފާޅުކުރަމުން ދަނީ ގައުމުގެ ކަންކަން ބިނާކުރުމަށް ކަމަށާއި މިހާރު ދައްކަނީ ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން އިސްލާހު ކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް، މީގެ 16 އަހަރު ކުރިން ހާއްސަ ކޮމިޝަނެއް އުފެއްދީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުތަކުގައި ތަފާތު އެތައް ސަބަބުތަކަކާހުރެ އެ ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައިނުވާ ކަމަށެވެ.

"އެއީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި ނުރަނގަޅު ބާރު އެ ކޮމިޝަނުގެ މައްޗަށް އޮތް އޮތުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް، އެހެން ނަމަވެސް، މިއަދު ކޮމިޝަނުގެ ހުރިހާ މެންބަރުންނަށާއި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ، މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ، އެހީތެރިވެ، މުސްތަގިއްލުކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭނަން،" ރައީސް ވިދާޅުވިއެވެ.

އާންމު ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ ދައުލަތުގެ އެންމެ މަތީ ޒިންމާ ކަމަށެވެ. އެއިރަކު އޮންނަ ސަރުކާރަކުން ގާނޫނުއަސާސީއާ ހިލާފުވެ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާމެދު އިހުމާލުވާނަމަ، އިންސާނީ ހައްގުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންނަށް ނޯންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރުން ރައްޔިތުންނަށް ދޭ ޔަގީންކަމަކީ، ދިވެހި ދައުލަތުގެ ކޮންމެ ފަރުދަކަށް، އެއްވެސް ތަފާތުކުރުމެއް، އެއްވެސް އިސްތިސްނާއެއް ނެތި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭނެކަން، އެކަން ކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް، ހިންގުން ހަރުދަނާކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ މިސްރާބު ރަނގަޅު ކުރުމަށް މި ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފި ކަމަށެވެ. އެފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުން ޒިންމާއާ އެއްގޮތަށް ހިދުމަތްދީ، އަސާސީ ހައްގުތައް ނެގެހެއްޓުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.