ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖޭގެ އިގްތިސޯދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭގައި ހުންނަ އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުހާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެންސިސްގެ މި ކާރުހާނާއަކީ މާލެ ސަރަހައްދުގައި ހުޅުވޭ މިފަދަ ފުރަތަމަ ކާރުހާނާ ކަމަށާއި، މި ކާރުހާނާއާއި އައިސް ޕްލާންޓަކީ، ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އިސްނެގުން ދައްކުވައިދޭ ވަރަށް ރީތި މިސާލެއްކަމަށެވެ.

މި ކާރުހާނާގެ ސަބަބުން، މަސްވެރިކަމުގެ ދާއިރާއަށް އެތައް ގޮތަކުން ދިރުން ލިބޭނެކަމާ މެދަކު ޝައްކެއް ނެތް. މި ކާރުހާނާގެ އިތުރުން، އެންސިސްގެ ފަރާތުން މިއަދު ހުޅުވާ، 100 ޓަނުގެ އައިސް ޕްލާންޓަކީ ވެސް މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ވަސީލަތެއް
ރައީސް ސޯލިހް

ރައީސް ސޯލިހް ވިދާޅުވީ މިއަދު ހުޅުވި މި ކާރުހާނާގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އެތައް ގޮތަކުން ދިރުން ލިބި، މަސްވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ސިނާއަތްތަކަށް ވަނުމަކީ، ގައުމީ ފެންވަރުގައި ވެސް އަދި ފަރުދުންގެ ފެންވަރުގައި ވެސް ވަރަށް ބޮޑެތި އިގްތިސޯދީ ފައިދާތައް ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން، ވަޒީފާގެ އެތައް ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ވިއްޔާ، މި ކާރުހާނާ އާއި މި ކާރުހާނާއާ ގުޅިފައިވާ އެހެން ވަސީލަތްތަކާ އެކު، ދިވެހިންނަށް ހާއްސަ 400 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ
ރައީސް ސޯލިހް

ރައީސް ސޯލިހް ވިދާޅުވީ، އެންސިސް މަސް ފެކްޓަރީގެ ސަބަބުން، ދިވެހިންނަށް 400 އަށްވުރެ ގިނަވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އޭގެ ތެރެއިން 175 ވަޒީފާއަކީ ހަމައެކަނި އަންހެނުންނަށް ހާއްސަ ވަޒީފާގެ ފުރުސަތުތަކެއް. ކަމަށެވެ.

އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުހާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މހައްމަދު ސޯލިހް އަދި ސަރުކާރުގެ ބައެއް ވަޒީރުން / ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ، މަސްވެރިކަމުން ރާއްޖޭގެ އިގްތިސޯދީ ތަރައްގީ އަށް ލިބެންޖެހޭ ހަގީގީ ފައިދާއެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، ދިވެހި ކަނޑު މަހަށް ރަނގަޅު އަގު ލިބިގެން މިދަނީ، ދަޅުގައި ބަންދުކޮށްގެން ނުވަތަ ވެލިއު އެޑްކޮށް ޕްރޮސެސްކޮށް އެކްސްޕޯޓް ކޮށްގެން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހި މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދީ، މަސްވެރިންނަށް ދަތިވާ ކަންކަން ހައްލު ކޮށްދިނުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެކަމުގައެވެ. އަދި ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް އިޝްތިހާރުކޮށް ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ސޯލިހްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.