އަމާޒަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ މީހުންގެ އިތުބާރު ލިބިފައިވާ ހަރުދަނާ އަދި އިންސާފު ގާއިމުކުރާ މުއައްސަސާއަކަށް ހެދުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަލްއުސްތާޒް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީގެ މަގާމަށް ހުވައި ކުރެއްވުމަށް ފަހު ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަށް ހެޔޮ އެދުންތައް ފޮނުއްވެވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އޭނާ އަށް ދެއްވި އިތުބާރަށް މެންބަރުންނަށް ވެސް ޝުކުރު ދަންނަވާ ކަމަށެވެ. އަދި 74 މެންބަރުންގެ އިއްތިފާގުން އޭނާ އަށް މަގާމު ހަވާލު ކުރައްވާފައި ވާތީ އެއީ ސީރިއަސް ނަމްބަރެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ މީގެ ކުރިންވެސް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. އޭނާ އަކީ ރާއްޖޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އުފެއްދި ފަހުން އެމަގާމު އަދާކުރައްވާ ހަތަރު ވަނަ ބޭފުޅާއެވެ.

ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވާސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ޝަމީމު ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލަރ ޑިގްރީ ޙާސިލުކުރައްވާފައެވެ. ޝަމީމް ޤާނޫނީ ވަކީލު ކަމުގެ ހުވައި ކުރެއްވީ 2004 ވަނަ އަހަރުއެވެ.