ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ގުޅުން (ސާކް) ސާކް އުފެއްދުމުގެ ތަސައްވުރު ގެންނެވި ބޭފުޅުންގެ އެ މުހިންމު ވިސްނުން ފުޅު ފާހަގަކުރައްވައި ވަކިން ހާއްސަގޮތެއްގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއްފަރާތްކަމުގައިވާ ކުރީގެ ރައީސް މައުމޫން ޢަބުދުލްޤައްޔޫމް، ސަރަހައްދީ ތަރައްގީއަށް ކުރެއްވި މަސައްކަތްފުޅަށް، ދިވެހި ޖުމްހޫރިއްޔާގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ތައުރީފުކުރައްވައިފިއެވެ.

ސާކު އުފެދިގެން އައި އައުން ފާހަގަކުރައްވާ ރައީސް މައުމޫންއަށް ރައީސް ސޯލިހު ތައުރީފުކުރައްވާފައިވަނީ، ސާކްގެ އުފެދުނުތާ 35 އަހަރު ފުރުމުގެ މަނާސާބާގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

ކުރިޔަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން ސާކް ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ސޯލިހުވަނީ ސާކްގެ މެމްބަރުންނަށް ދެއްވާފައެވެ.

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް / ފޮޓޯ: އެމްއާރްއެމް

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ހަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށްކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ސާކްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ގައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަންޖެހޭކަން ރައިސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ޤައުމުތަކުގެ މެދުގައި އިގުތިސޯދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިގުތިސޯދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް އުފެދުމަށްފަހު މިވީ ދުވަސްތަކުގައި ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ގައުމުތަކުން މުހިންމު ކުރިއެރުންތައް ހޯދާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. ރާއްޖެއިން ސާކްގެ މިނިސްޓާޒް އޮފް އެޑިއުކޭޝަން/ ހަޔަރ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި އާރޓިސްޓް ކޭންޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވަރނިންގ ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ބާއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ދެކުނު އޭޝިއާގެ އިއްތިހާދު (ސާކް)ގެ މެމްބަރު ގައުމުތަކުގެ ދިދަތައް/ފޮޓޯ: ދަ ހިންދޫ ބިޒްނަސް ލައިން

ސާކް އުފެދުނުތާ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި، ސާކް ގެ މެންބަރު ގައުމުތަކާއި، ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާވެސް ރައީސް ސޯލިހު ވަނީ އަރިސްކުރައްވާފައެވެ.

ސާކް ޗާޓާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.