މަނީ ލޯންޑަރިންގެ ކުށުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
އިދިކޮޅު މެންބަރުން މި ބައްދަލުވުމަށް ރައީސް އޮފީހަށް ވަޑައިގެންފައި ވަނީ ހަވީރު ހަތަރެއް ޖެހިއިރުއެވެ.
މި ބައްދަލުވުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިސް ބޭފުޅުންގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް ތަންފީޒުކުރަމުންދާއިރު، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން އެކަން ގަބޫލު ނުކުރެއެވެ. މިކަމާއި ގުޅިގެން ކޮންމެ ރެއަކުހެން މާލޭގެ މަގުތަކުގައި ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންދަނީ ރައީސް ޔާމީނު ދޫކޮށްލުމަށް އެދި ގޮވާލައި އިހުތިޖާޖު ކުރަމުން ނެވެ. އަދި ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންވަނީ ރައީސް ޔާމީނުގެ ފޮޓޯޖަހާފައިހުރު، ބޯޑުތައް ހިފަހައްޓައިގެން މަޖލީހުގެ ތަޅުމުގައިވެސް ރައީސް ޔާމީނު ދޫކޮށްލުމަށް އެދި އަޑުއުފުލާފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުންވަނީ، ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒުކުރަމުންދަނީ ބޭއިންސާފުންކަމަށް ބުނެ، އެކަން ބައިނަލް އަގްވާމީ އިސް ފަރާތްތަކާއިވެސް ބައްދަލުކޮށް އެކަން ހިއްސާކޮށްފަ އެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިކަމާއި ގުޅޭގޮތުން ދިވެހިރާއްޖެ ތަމްސީލްކުރާ ކޮލޮމްބޯގެ ހުރިހާ މިޝަންއަކާ ބައްދަލު ކުރައްވާފައިވާ ކަމަށާއި، އޭގެ އިތުރަށް ބައިނަލްއަގްވާމީ އެކި ފަރާތްތަކަށްވެސް މައުލޫމަތު ހިއްސާ ކުރައްވައިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބާރުއަޅާނެކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދީފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ރައީސް ޔާމީން ވަނީ ޖޫރިމަނާކޮށްފައެވެ. ޔާމީންގެ މައްޗަށް އިއްވި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު، އަދި ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ނުފަށައެވެ.