ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ހާއްސަ ސެންޓަރެއް ހުޅުވައި، ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ހާއްސަ ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

މި ސެންޓަރު ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ކޭމްޕް ބާއްވަން ހަމަޖެހިފައި ވަނީ މި ސެންޓަރު ހުޅުވުމުގެ ގޮތުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ކޭމްޕްކީ ޗައިނާގެ މެޑިކަލް ޓީމަކާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެއް ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ. މި ކޭމްޕުގައި ފަރުވާ ދޭ ބަލިތަކުގެ ތެރޭގައި:

  • ލޮލުގެ ފުސްކެހުން
  • ގުލްކޯމާ
  • ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތަށް
  • ލޮލުގެ ކޮއެގެ ތަފާތު ބަލިތަށް
  • ނަންބަރު އައިނު ނަގައިދިނުން

މިކޭމްޕުގައި ފަރުވާދިނުމަށްޓަކައި މިހާރު ދަނީ ބަލިމީހުން ސްކްރީން ކުރެވެމުން ކަމަށާއި ހުޅުމާލެ ހޮސްޕިޓަލް ނަންބަރު 1417 އަށް ގުޅާ ސްކްރީން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ހުޅުމާލެ ހޮސްޕިޓަލުގެ މި ސެންޓަރު ހުޅުވުމަށްފަހު ޗައިނާގެ މެޑިކަލް ޓީމެއް މި ސެންޓްރުގައި ފަރުވާދެމުން ގެންދާނެ ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.