މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ތަނެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މުލިއާގެއަށް 100 އަހަރުފުރުމުގެ މުނާސަބަތުގައި ރޭ މުލިއާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުލިއާގެއަކީ ތާރީހެއް އޮތްތަނެއް ކަމުގައި ވިދާޅުވެ ރައީސް ވަނީ މުލިއާގޭގައި ދައުލަތުގެ އެތައް ވުޒާރާއެއް ހިންގެވުމުގެ އިތުރުން ވަރަށް ގިނަ ހިދުމަތްތަކެއް އެތަނަކާ ގުޅިފައިވާ ތަނެއްކަމަށް ވިދާޅުވިއެވެ. އެގޮތުން މުލިއާގޭގައި ރިޔާސީ ގަނޑުވަރާއި ރައީސްގެ އޮފީހާއި ބޮޑުވަޒީރުގެ އޮފީހާއި ދާހިލީ ވުޒާރާއާއި ހާރިޖީ ވުޒާރާގެ އިތުރުން ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމާއި ވަލީ ކޮމިޓީ ހިންގުމުގެ އިތުރުން ދިވެހިރާއްޖެ އިނގިރޭސިންގެ އިސްތިޢުމާރުން މިނިވަން ކުރުމުގެ މުހިއްމު ވާހަކަ ދެކެވުނީވެސް މުލިއާގޭގައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަގާފަތާއި ތާރީހު ރައްކާތެރިކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އެވޭލާ ޒަމާނުގެ މުއްސަނދި ސަގާފަތަކާއި ތަރިކައެއް އޮތް ތަނެއް ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ އަންނަން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ކާބަފައިން އުޅުނު ގޮތާ، ކުރި މަސައްކަތް ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިއޮތް ވާޖިބެއް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަގާފަތަކީ މިއަދުގެ ގޮތުންނަމަ އިގްތިސޯދުގެވެސް ބައެއް ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުން އެކި ރަށްރަށަށް ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިއްމު އެއް ސަބަބަކަށްވެފައި އޮންނަނީ އެގައުމެއްގެ ތަރިކައާއި އެގައުމެއްގެ ސަގާފަތާއި އެގައުމެއްގެ ދިރިއުޅުން ހުރިގޮތް ދެނެގަތުންކަމުގައި ވިދާޅުވިއެވެ. އަދި ހާއްސަކޮށް މި މިލޭނިއަމްގެ ކުދިން ދަތުރުކުރުމުގައި އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި އޮންނަނީ ތަރިކައާއި ސަގާފަތް ދެނެގަތުން ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ދިވެހިރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އިސްކަންދެއްވައިގެން ވަޒީރުންގެ މަޖިލީސް އެކުލަވާލިއިރުގައި މިނިސްޓްރީ އޮފް އާރޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ނަމުގައި އާވުޒާރާއެއް އުފައްދަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން ސަގާފީ ތަރިކައާ ބެހޭ ގާނޫނެއްވެސް މިސަރުކާރުން ވުޖޫދަށް ގެނެސްދީފައިވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މުލިއާގޭގެ އާ އިމާރާތަށް 100 އަހަރު ފުރިގެންދާ މި މުނާސަބާގައި، މުލިއާގޭގެ ތާރީހު އެތައް އަހަރަކަށް ދެމިގެންދާކަން ހާމަކުރައްވާ، މިގޯތީގައި އިމާރާތެއް ހުންނަތާ މިހާރު 300 އަހަރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ މުލީ ހަތީބު މުޙައްމަދު ތަކުރުފާނު، މީގެ 300 އަހަރު ކުރިން ހުޅަނގު ދެކުނުކޮޅުގައި އެޅި ކުޑަކުޑަ އިމާރާތެއް. ބިންގަލެއް އަޅާ، ރާނާ އޭގެމަތީގައި މެއްލަޖަހާ ހެދި ގެއެއް. އެގެ ވާރުތަވަމުންއައިސް ހަސަން އިއްޒުއްދީން. އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް މައިފުށުން އެގެ ވާރުތަވެގެންދިޔައީ. އެއަށްފަހު އައްސުލްޠާން އިބްރާހިމް ނޫރައްދީނަށް އެގެ ވާރުތަވުމަށްފަހުގައި އެގެ، އެރަސްގެފާނުގެ ދޮށީ މަނިއްޕުޅު ޝަމްސުއްދީން ތިނަކަށް އެގެ ވާރުތަވެގެންދިޔަ. އެއަށްފަހު އެރަދުން ރަސްކަމުގައި ހުންނަވާ، އެރަދުންގެ ދޮށީ ދަރިފުޅު އަދި ހަމައެކަނި ހުންނެވި ފިރިހެން ދަރިފުޅު ޕްރިންސް އިއްޒުއްދީނަށް މިގެ ހައްދަވާދެއްވީ. މިއަދު އަޅުގަނޑުމެންނަށް މިފެންނަ އިމާރާތަކީ އެއީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރޭގެ ރަސްމިއްޔާތުގައި، މުލިއާގެއަށް ވިހި އަހަރަށްވުރެ ދިގު މުއްދަތަށް ހިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން 29 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ.

މުލިއާގެއަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ދެބޭފުޅުން އުމްރާގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންފައިވާތީ މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވި ނަމަވެސް 49 އަހަރު މުލިއާގެއަށް ހިދުމަތްކުރެއްވި އިބްރާހިމް ޒަކީގެ އިތުރުން 42 އަހަރު މުލިއާގެއަށް ހިދުމަތްކުރެއްވި އިބްރާހިމް ހަލީމްގެ ނަންފުޅު ރައީސްގެ ވާހަކަފުޅުގައި ވަކިން ފާހަގަކުރައްވާ، އެދެބޭފުޅުންނަކީ ދެވަނަ ޖުމްހޫރިއްޔާގެ 6 ރައީސުންނާއެކު ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމުގައި ވިދާޅުވެ އެދެބޭފުޅުންނަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.