ޕާކިސްތާނުގެ ފަސްގަނޑު ދޫކޮށް ފުރައިގެން ނުދެވޭ މީހުންގެ ލިސްޓު (އީސީއެލް)ގައި އޭނާގެ ނަން ހިމަނާފައި އޮތް އޮތުން ބާތިލުކޮށްދިނުމަށް އެދި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް، ޕާކިސްތާނުގެ ހައި ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ.

ޕާކިސްތާނު މުސްލިމު ލީގު ނަވާޒް (ޕީއެމްއެލް-އެން)ގެ ނައިބު ރައީސާގެ މަގާމުގައި ހުންނެވި މަރްޔަމް ނަވާޒްގެ ނަމުގައި އެޑްވޮކޭޓް އަމްޖަދު ޕަރުވޭޒް ހުށަހެޅި ޕެޓިޝަންގައި ޖަވާބުދާރީވެވަޑައިގަތުމަށް ނޮމިނޭޓް ކުރައްވާފައިވަނީ ޕާކިސްތާނުގެ ފެޑެރަލް ސަރުކާރާ، ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ)ގެ ޗެއާމަންގެ އިތުރުން ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ)ގެ ޑައިރެކްޓާ ޖެނެރަލްއާއި ޕާސްޕޯޓްއާއި އިމިގްރޭޝަންއާއި ބެހޭ ޑައިރެކްޓަރުގެ އިތުރުން އަދިވެސް އެފަދަ މަގާމުތަކެއްގައި ތިއްބެވި އޮފިޝަލުންތަކެކެވެ.

މި ޕެޓިޝަންގައި މަރްޔަމް ނަވާޒް ވިދާޅުވީ، ހުކުމެއް އިއްވާފައިވަނިކޮށްވެސް އޭނާ ޕާކިސްތާނަށް އެނބުރި އައި ބައްޕާފުޅާ އެކުގައި ކަމަށާ، އީސީއެލްގައި އޭނާގެ ނަން ހިމަނާފައިވަނީ، މައްސަލާގައި އޭނާގެ ބަޔާންވެސް ދޭނެ ފުރުސަތެއް ދިނުމަކާ ނުލާ ކަމަށެވެ.

2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ނެރުނު މެމޮރޭންޑަމްއަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށާ، އޭނާއަކީ މިހާތަނަށްވެސް ޝަރީއަތުގެ ކޮންމެ މަޖިލީހަކަށްވެސް ފެއިލްވުމެއް ނެތި ހާޒިރުވަމުންދާ މުވައްކިލެއް ކަމަށާ، ވީއިރު އޭނާއާއި ދެކޮޅަށް ހަރުކަށި އަމުރެއް ނެރުމުގެ ފުރުސަތެއް ނެތްކަމަށް މަރްޔަމް ނަވާޒް ގެންދަވަނީ ވިދާޅުވަމުންނެވެ.

މަރްޔަމް ނަވާޒް ވިދާޅުވީ، ބައްޕާފުޅުގެ ބަލިހާލު ހުރި ގޮތުން މިވަގުތު ދެބަފައިންވެސް ތިބީ ވަރަށް ބޮޑު ސްޓްރެސްއެއްގައި ކަމަށާ، ގައުމުން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ބައްޕާފުޅުގެ ގާތުގައި އޭނާ އިނިމަށް ޚުދު ނަވާޒް ޝަރީފުވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަވާޒްގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ދަށަށް ދިއުމުގެ ސަބަބުން ހޮސްޕިޓަލަށް ބަދަލުކޮށް، އޭގެ ފަހުން ގޭ ގައި ފަރުވާ ހޯއްދެވުމަށްފަހު ނަވާޒް މިހާރު ފަރުވާ ހޯއްދަވަނީ ގައުމުން ބޭރުން، ލަންޑަންގައެވެ.

މަރްޔަމް ނަވާޒް ހުށަހެޅުއްވި ޕެޓިޝަންގެ މައްސަލާގައި ޕާކިސްތާނުގެ ހައި ކޯޓުގެ ބެންޗަކުން ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތީ މިމަހުގެ 9 ވަނަ ދުވަހަށެވެ.