އަނެއް ގައުމުގެ ދާހިލީ ކަންކަމަށް ފާޑުކިއާ، އެކި މައްސަލަތަކުގައި ވަކި ފަރާތަކަށް ބުރެވެގެން ސްޓޭންޑްއެއް ނެގުމަކީ 'ދެފުށްކެހެރި' ބައެއްގެ ގޮތުގައި އެ ސްޓޭންޑް ނަގާ ގައުމު ލޭބަލް ކުރެވިގެންދާ ފަދަ ސަގާފަތެއް އޭޝިއާ ބައްރުގެ ގައުމުތަކުން ގެންގުޅޭއިރު، މިގޮތަށް ގައުމުތަކުގެ ދާހިލީ ކަންކަމަށް ފާޑުކިއާ ސްޓޭންޑް ނަގާ ހެދުމަކީ އިންޑިއާއިން ކުރަން ބޭނުންވާ ކަމެއް ނޫންކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ، އިޓަލީވިލާތުގައި މިހާރު ކުރިއަށްދާ 'މެޑިޓަރޭނިއަން ޑައެލޮގް 2019'ގައި ތަގުރީރުކުރައްވަމުންނެވެ.

ޖައިޝަންކަރު ވިދާޅުވީ، ވަށައިގެންވާ ދުނިޔޭގައި ކޮންމެ ފަދަ ކަމެއް ހިނގާ ދިޔަ ކަމުގައި ވީ ނަމަވެސް، އެހެން ބައެއްގެ ޒާތީ ކަންކަމާ ބެހި ހެދުމުގައި ސަމާލުވާންޖެހޭ ކަމަށާ އޭޝިއާ ބައްރުގެ ގައުމުތަކުގައި އޮންނަނީ މިފަދަ ސަގާފަތެއް ކަމަށެވެ.

ނަމަވެސް، މިއީ ވިލާތާ އުތުރު އެމެރިކާގެ ގައުމުތަކުގައި އޮންނަ ސަގާފަތެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޖައިޝަންކަރު ވިދާޅުވީ، އަނެކުންގެ ކަންކަމަށް ފާޑުކިޔަން ފަށާ ހިސާބުން، އެ ގައުމަކީ ވަކި ފަރާތަކަށް ބުރަވެވުމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭ ގައުމަކަށް ވެގެންދާނެ ކަމެވެ. މި މޭރުމުން މިސާލު ޖައްސަވަމުން ޖައިޝަންކަރު ވިދާޅުވީ، އެއް ގައުމެއްގައި ކުރިއަށްދާ މުޒާހަރާތަކަކީ އެންމެ ރަނގަޅު މުޒާހަރާތަކަކަށްވެފައި، ހަމަ އެފަދަ މުޒާހަރާތަކެއް މަސްލަހަތު އޮތް ގައުމެއްގައި ކުރިއަށް ދާނަމަ އެކަން ރަނގަޅު ނުވުމަކީ ގަބޫލުވެވޭނެ ކަމެއް ނޫންކަމަށެވެ.

އަމަލީ މާޒީއިން މިސާލު ނަންގަވަމުން ޖައިޝަންކަރު ވިދާޅުވީ 11/9ގެ ދުވަސްވަރު އިންޑިއާގެ އިރުމަތީގައި އޮތީ ޚުދުމުޚުތާރުވެރިކަމަކަށް ވީ ފަދައިން ހުޅަނގުންވެސް އޮތީ އެފަދަ ވެރިކަމެއް ކަމަށެވެ. އިރުމަތީ ބިތުގައި އޮތީ މިޔަންމާގެ ޚުދުމުޚުތާރު ވެރިކަން ކަމަށާ، ހުޅަނގުގައި އޮތީ ޕާކިސްތާނުގެ ޚުދުމުޚުތާރުގެ ވެރިކަން ކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، މިކަމާ ގުޅިގެން މިޔަންމާއާއި ދެކޮޅަށް އެމެރިކާއާއި ވިލާތުން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދިޔަ ކަމަށާ، ނަމަވެސް ޚުދުމުޚުތާރު ވެރިކަމެއް ކުރަމުންދިޔަ ޕާކިސްތާނަކީ ހުޅަނގުގެ ބާރުތަކަށް އެއްބާރުލުން ދޭ އެކުވެރިއެއްގެ ގޮތުގައި އެ ދުވަސްވަރު ދަރަޖަދެވިގެން ދިޔަ ކަމަށެވެ.

ސާބިތު މިސާލުތަކަކުން މިސާލު ޖައްސަވަމުން ހުޅަނގުގެ ބޮޑެތި ބާރުތަކަށް އިންޑިއާއިން ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފައި މިވަނީ، ޖައްމުއާއި ކަޝްމީރުގެ މައްސަލާގައި ހުޅަނގުގެ ބޮޑެތި ފިއްތުންތަކެއް އިންޑިއާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މިއީ 1994 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ 'މެޑިޓަރޭނިއަން ޑައެލޮގް' ގައި ބައިވެރިވުމުގެ ފުރުސަތު، އިންޑިއާއަށް ލިބުނު ފުރަތަމަ ފަހަރެވެ.