މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ސަލަފް ޖަމިއްޔާ އުވާލައިގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން މިރޭ ކުރިއަށް ގެންދާ އާސްކް ސްޕީކާ ޕްރޮގްރާމުގައި އާންމުންގެ މީހަކު، އެމްޑީއެން އާއި ސަލަފް އުވާލުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުށްވެރި ވަނީ ޖަމިއްޔާ ނޫން ކަމަށާއި އެ ދެ ޖަމިއްޔާވެސް އުވާލައިގެން ނުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ ދެ ޖަމިއްޔާގައި ހުރި މީހަކު ކުރި ކަމެއްގެ ސަބަބުން އެ ޖަމިއްޔާއެއް އުވާލައިގެން ނުވާނެ ކަމަށާއި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނީ އެ ކުށެއް ކުރި މީހެއްގެ މައްޗަށް ކަމަށެވެ. ކްލަބް ޖަމިއްޔާ އަދި ޕާޓިތައް އުވާލުމުގެ ވިސްނުމަށް ދިއުން އެއީ ވަރަށް ވިޔާނުދާ އަދި ވަރަށް ނުރައްކާތެރި ވިސްނުމެއް ކަމަށް އެމަނުކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ސަލަފް އުވާލުމަކީވެސް ރަނގަޅު ކަމެއް ނުން އަދި އެމްޑީއެން އުވާލުމަކީވެސް ރަނގަޅު ކަމެއް ނޫން."
ރައީސް ނަޝީދު

އެމްޑީއެންއާއި ސަލަފް އުވާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީއެންއާއި ސަލަފް ޖަމިއްޔާގައިވެސް ކުށެއް ކޮށްފިއްޔާ ކޮންމެ މީހަކަށްވެސް ހައްގު އަދަބު ދޭންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔެފައިވާ ވާހަކަތައް އެތައްބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. އިލްމުވެރިންނާއި ރައްޔިތުން ވެސް ވަނީ އެ ޖަމިއްޔާއަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. މި ދިޔަ މަހުގެ 5 ވަނަ ދުވަހު ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ އުވާލަން ނިންމާ އިއުލާނު ކުރިއަސް އަދިއަދަށްވެސް އުވާލާފައެއް ނުވެއެވެ.

އެއަށް ފަހު ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓާއެކު ގިނަ ބަޔަކު ދަނީ ސަލަފް ޖަމިއްޔާއާއި ބައެއް އިލްމުވެރިންނަށް ފާޑު ކިޔަމުންނެވެ. އެގޮތުން ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް މަޖިލީހުގައި ނެގި ވޯޓު ވަނީ ފާސްވެފައެވެ. ނަމަވެސް އެދުވަހުވެސް ރައީސް ނަޝީދު ވަނީ އެ ޖަމިއްޔާ އުވާލަން ފެނިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ.