މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމާ ދެކޮޅަށް ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ފަހު ޕާޓީ އޮފީސް ކައިރީ ކުރި މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައިތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އަދި ނުގެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މި ހުކުމް ހައިކޯޓުގައި މިހާރުވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.