އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާއާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާގެ ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެ އެމްއޯޔޫގައި ސޮއިކުރާނީ، މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތައް ހިމެނޭގޮތަށް މިމަހުގެ ނުވަޔަކުން 13 އަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުން ކަމަށެވެ. އެގޮތުން ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުންވެސް ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވާ މަގިފަހިވެގެން ދާނެ ކަމަށެވެ.

ދާދިފަހުން ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް ހިމެނޭ ވަފްދުެއް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ ވަޑައިގެންފައެވެ.