ކުރީގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގެވުމުގެ ނަމުގައި ޗައިނާއިން ނަގާފައިވާ ބޮޑު ދަރަނި ހަލާސް ކުރުމަށްޓަކައި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވާހަކައެއް، ދިވެހި ހާރިޖީ ވަޒީރު ވިދާޅުވެފައި ނުވާނެ ކަމަށް ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ސްރީލަންކާގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ދިވެހިރާއްޖެއިން ޗައިނާއަށް ދަރާފައިވާ ބޮޑު ދަރަނި ހަލާސް ކުރުމަށް ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވާހަކަތަކެއް ޝާހިދު ދެއްކެވި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނީ ކީކޭ؟

ސްރީލަންކާ ދަތުރުގެ ހަވާސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، ޗައިނާއަކީ ދީލަތި ޑޯނަރެއް ކަމަށާ، ނަމަވެސް ކުރީގެ ސަރުކާރުން ޗައިނާ އަތުން ލޯނު ނަގާފައިވަނީ އެ ފައިސާ އަނބުރާ ދައްކާނެ ހަރުދަނާ އުސޫލަކަށް ބެލުމެއް ނެތި ކަމަށެވެ.

ކުރީގެ ސަރުކާރުގައި ސީދާ ލޯނުގެ އިތުރުން ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުގެ ގެރެންޓީގެ ގޮތުގައި ނަގާފައިވާ ފައިސާއާއެކު، ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަގު 1.4 ބިލިއަން ޑޮލަރަށް އަރާކަމަށް ޝާހިދު ވިދާޅުވި ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ލޯނު ރީސްޓްރަކްޗާ ކުރުމުގެ ވާހަކަ އައީ ކިހިނެއް؟

ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ޗައިނާއިން ލޯނު ނަގާފައިވަނީ ދެކޮޅުޖެހޭ އުސޫލަކުން ނޫންކަމަށާ، މިކަމުގެ ސަބަބުން ދިވެހިންނަށް ތަކުލީފުތަކެއް ކުރިމަތިވި ނަމަވެސް، މިއީ ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލު ކުރެވޭނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ކަންމިހެން އޮތްއިރު، ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަންޏަކީ ކުރިއަށް އޮތް ތަނުގައި ރީސްޓްރަކްޗާ ކުރެވިގެންދާނެ ދަރަންޏަކަށް ވެގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ދިވެހި ހާރިޖީ ވަޒީރު ވިދާޅުވި ކަމަށްވެސް ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ ޚަބަރުތައް ފުޅާ ދާއިރާއެއްގައި ފަތުރަމުންދާ ނިއު ޔޯކް ޓައިމްސް، ޗެނަލް ނިއުސް އޭޝިއާ އަދި އެސޯސިއޭޓަޑް ޕްރެސްގެ އިތުރުން، ދިވެހި ރާއްޖޭގެ އަދުގެ ސަރުކާރާ އެއްކޮޅަށް ގިނަ ކަންކަމުގައި ވަކާލާތު ކުރަމުންދާ އިންޑިއާގެ ވިއޯންއިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ހާރިޖިއްޔާގެ ރައްދު

ޗައިނާއަށް ދިވެހިން ދަރާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރެވިދާނެ ކަމުގެ އިޝާރާތެއް ހާރިޖީ ވަޒީރު ދެއްވި ކަމުގެ ޚަބަރު ރާއްޖޭގެ މީޑިއާގައި ދައުރުވާން ފެށުމާއެކު ދިވެހި ހާރިޖިއްޔާއިންވަނީ އެކަން ދޮގު ކޮށްފައެވެ.

އެފަދަ ވާހަކައެއް ވަޒީރު ވިދާޅުވެފައި ނުވާނެ ކަމަށް ދިވެހި ހާރިޖިއްޔާއިން ހުކުރު ދުވަހުގެ ރޭ ކުރި ޓްވީޓްއެއްގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކުރީގެ ސަރުކާރުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދަރަންޏަށް ފައިސާ ނަގަމުންދިޔަ ކަމުގެ ވާހަކަތަކެއް ވަޒީރު ދެއްކެވި ކަމަށް އެ ޓްވީޓްގައިވެއެވެ.

ދިވެހި ހާރިޖިއްޔާއިން ހުކުރު ދުވަހުގެ ރޭ ކުރި އެހެން ޓްވީޓްއެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮތީ ބަދަހި ގުޅުމެއްކަމުގެ އިތުބާރު ވަޒީރަށް އެބައޮތް ކަމަށް ޝާހިދު ވިދާޅުވި ކަމަށާ، ދެގައުމު ހިއްސާވާ މަސްލަހަތު އޮތް ކަންކަމުގައި މަޝްވަރާ ކުރެވެނިވި ބަދަހި ގުޅުމެއް ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ކަމަށް ވަޒީރު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި، ރާއްޖެއާއި ޗައިނާގެ ގުޅުމަށް އިތުރު ބަދަހިކަމެއް ލިބިގެންދާނެ ކަމަށް ޝާހިދު އުއްމީދު ކުރައްވާ ކަމަށްވެސް ހާރިޖިއްޔާގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޗައިނާއިން ބުނަނީ ކީކޭ؟

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑާ ޗާން އެލައިޗުން ވިދާޅުވީ، މިކަމާ ގުޅިގެން ދިވެހި ހާރިޖީ ވަޒީރާ ވާހަކަދައްކަވާފައިވާނެ ކަމަށާ، ދިވެހި ހާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅު އެސޯސިއޭޓަޑް ޕްރެސް (އޭޕީ)އިން ގެނެސްދީފައިވަނީ ހަގީގީ މާނަ އޮޅޭ ފަދަ މޭރުމަކުން ކަމަށް ޝާހިދު، ދެންނެވި ކަމަށެވެ. އަދި ޗައިނާއަށް ދިވެހިން ދަރާފައިވާ ދަރަނި 'ރީސްޓްރަކްޗާ' ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ޝާހިދު ދެންނެވި ކަމަށްވެސް ޗައިނާގެ އެމްބެސެޑާ ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، އެ އިދާރާއިން ޚަބަރު ގެނެސްދީފައިވަނީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކަމެއް، ބޭރުގެ އެއްވެސް މީޑިއާއަކުން އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.