މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާ ބަޔަކު ދައްކާނެ ބިރަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިއީ ހިތްދަތި އަދި އިދިކޮޅުގައި ތިބި މީސްކޮޅު މަދު ކަމަށް ބަޔަކަށް ހީވެދާނެ ފަދަ ވަގުތެއް ކަމަށާއި ނަމަވެސް އެ ފަރާތްތަކުން ނިކުމެ ތިބީ ބަޔަކު ދައްކާ ބިރަކަށް ފަސް ނުޖެހި މަގުސަދު ހާސިލުކުރުމަށްޓަކާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޔަކު ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. ޖަލަށްލިޔަސް ވެސް ހެޔޮ. 40 އަހަރު އޮވެފައި ވެސް ނިކުމެ ކުރާނީ ރައީސް ޔާމީންގެ ހައްގުގައި މި މަސައްކަތް. އަޅުގަނޑުމެންގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ. އަޅުގަނޑުމެންގެ ހިތްވަރެއް އެލުވައެއް ނުލެވޭނެ. އަޅުގަނޑުމެންގެ ފަންވަރެއް ދެރައެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ބުންވަރެއް ހުސްކޮށެއް ނުލެވޭނެ"
ޣައްސާން

ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރެލީ / ފޮޓޯ: ޕީޕީއެމް

އަދި އިދިކޮޅުން މަސައްކަތް ކުރަނީ ޔާމީން ޖަލުން މިނިވަންކޮށް 2023 ވަނަ އަހަރު އެމަނިކުފާނު އަލުން ވެރިކަމަށް ގެނައުމުގެ ރޫހުގައި ކަމަށާއި މިކަން ގައުމަކީ ރޫހަކަށް ވަނީ ޔާމީން އަކީ އިސްލާމްދީން ހިމާޔަތްކޮށް ގައުމުގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި ކުރިއަށް ގެންދަވާނެ ފަރާތަކަށް ވާތީ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ މިއަދު ގައުމު އޮތީ ދުވަހަކުވެސް ނުދާނެ ދިމާލަކަށް މިސްރާބު ޖަހާފައި ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ކުށަކަށް ވީ އެމަނިކުފާނު މިއިން ޒަމާނަކު ދިވެހި ގައުމު ނުދެކޭ ފަދަ ތަރައްގީއާ ތަހުޒީބު ގެނެސްދެއްވުން ކަމަށެވެ. އަދި އެތަކެއް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކޮށްދީ މިއަދު ސަރުކާރުގައި ތިބި ފަރާތްތަކަށް ނުވާނެ ވަރުގެ ކަންކަމަށް "ޗެލެންޖު" ކުރެއްވުން ކަމަށް ވިދާޅުވިއެވެ.