ގަވާއިދަށް ފެތޭ ހެލްމެޓް އަދި ވަގާއިދާ އެއްގޮތައް ހެލްމެޓު އަޅައިގެން ދުއްވުމަށް ފުލުހުން އިލްތިމާސްކޮސްފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ގަވާއިދަށް ނުފެތޭ ހެލްމެޓުތައް އަޅައިގެން ބުރިޖް ހުރަސްކުރާ ބައެއް ފަރާތްތަކުން މަދުން ނަމަވެސް ފެންނަމުންދާ ކަމަށެވެ. ފުލުހުން ބުނީ ގަވާއިދަށް ހުރުމަތްތެރިކޮސް ހިތާ، ބޭނުންކުރަންޖެހޭ ރަނގަޅު ހެލްމެޓް އަޅާއި ދަތުރު ފަތުރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރައްޔިތުން އިތުރަށް މިކަމަށް ސަމާލު ކުރުމަށް ގަވާއިދަށް ނުފެތޭނެ ހެލްމެޓު ތަކުގެ ބައެއް ފޮޓޯތައްވެސް ފުލުހުން އެ ޓުވީޓުގައި ވަނީ އާންމުކޮށްފަ އެވެ.

ސިނަމާލެ ބްރިޖް ހުރަސްކުރުމުގައި ހެލްމެޓް އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން މަޖުބޫރުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެއެވެ. އެގޮތުން ހެލްމެޓް ނާޅާއި ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަހައްދު ހުރަސްކުރުމަކީ މަނާ ކަމެކެވެ. ގަވާއިދަށް ނުފެތޭ ހެލްމެޓް އަޅައިގެން ބްރިޖަށް އަރާ މީހުންގެ ނަން ނޯޓް ކުރުން ފަދަ ކަންކަން ފުލުހުންވަނީ މީގެ ކުރިންވެސް ކޮށްފަ އެވެ. ހެލްމެޓް އަޅަން ޖެހެނީ 30 ކިލޯ މީޓަރަކަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ތަންތަނުގަ އެވެ.

ހެލްމެޓްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ސައިކަލް ދުއްވާއިރު އެކަމަށް ހާއްސަ ހެލްމެޓަކަށްވެފައި ބޮލަށް ހެޔޮވަރު ވާން ޖެހޭނެ ކަމަށާއި ހެލްމެޓްގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ގޮތަށް ކަމަރެއް އިންނަން ޖެހޭނެ ކަމަށެވެ. އަދި ދަތްދޮޅި ދަށަށް އިންނަ ކަމަރަކީ އެކަތި ގަނޑަކަށް ހުންނަ ކަމަރަކަށްވުމާއި ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.

ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ނުވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހެލްމެޓްގެ ކުލައަކީ ލޮލަށް އުނދަގޫނުވާ ކުލައަކަށްވުމާއި ކާކުކަން ނޭންގޭ ގޮތަށް މޫނުގެ އެއްބައި ފޮރުވައި މީހުންނަށް އޮޅޭ ގޮތަށް ހެލްމެޓް ނޭޅުމަށްވެސް ޝަރުތުތަކުގައި ހިމެނެ އެވެ.

ބްރިޖާއި ހައިވޭގައި ބޮޑެތި އެކްސިޑެންޓްތަކެއް ހިންގައި މީހުންނަށް އަނިޔާވަމުންދާތީ ޓްރާންސްޕޯޓް މިނިސްޓްރީން ހެލްމެޓް އަޅަން މަޖުބޫރު ކުރަން ނިންމައި، ހެލްމެޓް ހުންނަން ޖެހޭ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.