ފިޝަރީޒް އެކްސްޕޯ 2019 ރައީސް ސޯލިހް ހުޅުއްވައިދެއްވައިފިއެވެ.

ފިޝަރީޒް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސްވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ހިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ފިޝަރީޒް އެކްސްޕޯއަކީ ދިވެހިރާއްޖޭގެ 39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭ ހުރަވީ ސްކޫލުގައި މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ އެކްސްޕޯއެކެވެ. މިއަހަރުގެ އެކްސްޕޯގައި 16 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، މަހުގެ އުފެއްދުންތަކުގެ އިތުރުން އައިސްޕްލާންޓާއި ކޫލިންގް ސިސްޓަމްތަކާއި މެރިން އިންޖީނާއި މުވާސަލާތީ ބައެއް އާލާތްތައްވެސް މި އެކްސްޕޯގެ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައިވެއެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ.