ނުރައްކާތެރި ބޮޑެތި ބަލިތަކަކުން ދިފާއުވުމަށް ޅައުމުރުގައި ދޭ ވެކްސިންއާއި ދެކޮޅަށް އަޑުއުފުލާ، ވެކްސިން ނުޖެހުމަށް ބާރުއަޅަމުންދާ ފަރާތްތަކުގެ ފަތުރަމުންދާ ކެމްޕޭނަށް ދެން ފުރުސަތެއް ނެތް ކަމަށް އިންޒާރުކޮށް، އެފަދަ ފަރާތްތައް ހައްޔަރު ކުރުމުގެ މަސައްކަތް ސަމޯއާއިން ފަށައިފިއެވެ.

ނުރައްކާތެރި ހިމަބިހީގެ ބަލިމަޑުކަމެއް ހަލުވިކަމާއެކު ފެތުރެމުންދާ ސަމޯގައި މިއަދު ނެރުނު އިންޒާރާއެކު، ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލަމުންދިޔަ ވަރުގަދަ އެކްޓިވިސްޓަކުވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ވެކްސިން ޖެހުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ސަމައޯގައި ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ސަބަބުން ކަމަށް މައުލޫމާޓު ލިބެއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ މެދަކާ ހިސާބުން ފެށިގެން ސަމައޯގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެން ފެށި ފަހުން އެ ގައުމުން އެކަނިވެސް 60އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މީގެ ތެރޭގައި ގިނައީވެސް ކުޑަ ކުދިން ކަން ފާހަގަކުރަންޖެހެއެވެ.

ވެކްސިން ޖެހުމާ ދެކޮޅުގެ ފިކުރުގެ މީހުން، މުސްލިމުންނާ ޣައިރު މުސްލިމުންގެ ތެރޭގައިވެސް އުޅެއެވެ. ވެކްސިން ޖެހުމާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތްތަކަކީ ދީނީ ގަބޫލުކުރުންތަކުގެ އިތުރުން ސިއްހީ އަދި އެނޫންވެސް އެފަދަ ގަބޫލުކުރުންތަކެއްގައި އާންމުންނާ ހިޔާލު ތަފާތުވާ ފިކުރެއްގެ ޖަމާއަތްތަކެކެވެ.