ސްނޯކްލިން އަށް ގޮސް އުޅުނު 74 އަހަރުގެ ޗައިނާ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އިން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަހިބަދޫއަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު 4:15 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އދ. މަހިބަދޫއަށް ގެންދިޔަ ފަތުރުވެރިޔާ ނިޔާވެފައިވާ ކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ފަހަކަށް އައިސް ރާއްޖެއަށް އަންނަ ފަތުރުވެރިން މަރުވާ މައްސަލަ ގިނަވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ މަހު 20 ވަނަ ދުވަހު އއ. ސަފާރީ އައިލެންޑް ރިސޯޓުން ފީނަން ދިޔަ ޖަރުމަނު ފަތުރުވެރިއަކު މަރުވެފައި ވާއިރު މިދިޔަ މަހު 17 ވަނަ ދުވަހުވެސް ވަނީ އިނގިރޭސިވިލާތުގެ 69 އަހަރުގެ އަންހެނަކު ގެނބިގެން މަރުވެފައެވެ. މިދިޔަ މަހުގެ 4 ވަނަ ދުވަހު ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު ވަނީ ފުވައްމުލަކުން ވެސް މަރުވެފައެވެ. އަދި މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ ހަވީރު ދ. ކުޑަހުވަދޫ ކައިރިން މަސްބާނަން ނިކުމެ އުޅުމުގެ ތެރޭގައި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ސްވިޑްން ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ.