ކުޑަކުދިންތަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި 51 އަހަރުގެ ފިރިހެން މީހާއަކީ، ތ ނުވަތަ ލ އަތޮޅުގެ ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމަށެވެ. އެއީ ކޮން އަތޮޅެއްގެ ކޮން މަގާމެއްގައި ހުރި މީހެއްކަން ފުލުހުން ހަމަކޮށްފައި ނުވިއަސް، އެއީ ލ އަތޮޅުގެ ކައުންސިލަރެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައިވެސް ދައްކާފައި ވެއެވެ.

ފުލުހުން ބުނީ، މިއަދު ހައްޔަރުކުރި މީހާ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކޮށްގެން 4 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލާގައި ޖިނާއީ ކުށެއްގެ ދައުވާ ކުރެވޭނެ ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން ފައިލް ކޮށްފައި ވާއިރު، އަނެއް 3 މައްސަލައިގައި ފުލުހުންގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ މިހާރުވެސް ޝަރީއަތުގައި ހިނގަމުންދާ ކަމަށް ފުލުހުން ބުނާ އިރު، އެއް މައްސަލައަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވަނީ މިއަދު ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރި ފިރިހެންމީހާ ހައްޔަރު ކުރީ، މިހާރު ޝަރީއަތުގައި ހިނގަމުންދާ އޭނާގެ މައްސަލާގައި ޝަރީއަތް ނިމެންދެން ރިމާންޑަ ޖަލެއްގައި ބެހެއްޓުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނީި، އޭނާ ހައްޔަރު ކުރުމަށް އަމުރުކުރުމާ އެކު، މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.