ރޭ ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ގާސިމް ހަސަން މަރާލީ ފައިސާގެ މައްސަލަތަކެއްގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް އޭނާގެ ގާތް ރަށްޓެހިން ދޮގު ކޮށްފިއެވެ.

ގާސިމްގެ ރަށްޓެއްސެއް ކަމަށްވާ އިސްމާއިލް ޝަރީފް "ދަޕްރެސް"އާ ވާހަކަ ދައްކަމުން ބުނީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަތުން ގާސިމް ފައިސާތަކެއް ނަގާފައިވާ ކަމަށް ބުނެ ވާހަކަަތައް ދައްކަމުން އަންނަ ކަމަށެވެ. އަދި ގާސިމަކީ އިރެއްގައި އަބަދު ޓެކްސީއެއް ކުރަމުން ދިޔަ މީހެއް ކަމަށްވީ ނަމަވެސް މިއަދު އޭނާ ޓެކްސީ ކުރަނީ މަދުން ކަމަށްވެސް ޝަރީފް ބުންޏެވެ.

ހެންވޭރު ކޭމާޓް ހޮޓަލުން އަބަދުވެސް ދިމާވެ ގާސިމްގެ އަމިއްލަ ދިރިއުޅުމުގެ ގިނަ ކަންކަން އެނގޭ ޝަރީފް ބުނީ ގާސިމް މަރުވިއިރު އޭނާގެ ހުންނާނީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖެއް ކަމަށެވެ. ހަވީރު ގާސިމްއާ އެކުގައި ސައި ބޮއިގެން ނިކުތް އިރު ހުދު ޝަރީފަށްވެސް އެއީ ގާސިމްއާ ބައްދަލުވާނެ އެންމެ ފަހު ފަހަރު ކަަމެއް ނޭނގެއެވެ.

"ވަރަށް ރަނގަޅު މީހެއް އެއީ. އަޅުގަނޑަށް އެނގެނީ އަޅުގަނޑާއި އޭނަ ދައްކާ ވާހަކަަތައް. އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ކިޔާ ދޭނެ. އަޅުގަނޑުވެސް ދެކުނިން ފޭސްބުކުން ތި ބުނާ ވާހަކައެއް. އަޅުގަނޑު ދަންނަ ގާސިމަކީ ދަރަންޏެއް އޮންނަ މީހެއް ނޫން. މަރާލުމާއި ހަމައަށް ﷲ ގެ ރަހުމަތުން ގާސިމަކީ ވަރަށް ފުދިގެން އުޅޭ މީހެއް. މިހާރު ވަރަށް ޓެކްސީ ނުކުރާނެ، އުޅެނީ ވެހިކަލްގެ ސްޕެއާ ޕާޓްސް ކަހަލަ އެއްޗެހި ވިއްކަން"
ޝަރީފް

ޒަމާންވީ ގާތް ރަހުމަތްތެރިޔާގެ ކުއްލި މަރާއި އެކު ޝޮކެއް ލިބި އަދިވެސް އެ ހާދިސާ ގަބޫލުކުރަން ދަތިވެފައި ހުރި ޝަރީފު ބުނީ އޭނާއަށް ބަޔަކު އިންޒާރެއް ދިން ވާހަކައެއް ދުވަހަކުވެސް ބުނެފައި ނުވާ ކަމަށެވެ. އޭނާ ހުޅުލެއަށް ދަތުރު ނަގަން ދިއުމުގެ ކުރިންވެސް ކޭމާޓު ހޮޓަލުން ބައްދަލުވި ކަމަށާއި އެވަގުތުވެސް ވާހަކަ ދެއްކީ ވަރަށް ހިނިއައިސް ސަކަރާތް ޖަހާފައި ކަމަށް ގާސިމް އެކުވެރި ޝަރީފު ބުންޏެވެ.

"ނޫން އަޅުގަނޑު މިއީ ވަރަށް އެއްކޮށް އޭނާއާ އެކުގައި އުޅޭ މީހެއް. ކޮންމެ ދުވަހަކު އެތައް ފަހަރަކު ބައްދަލުވާނެ. ދުވަހަކުވެސް އަޅުގަނޑު ގާތުގައި ތިކަހަލަ ވާހަކައެއް ނުދައްކާ. އެކަމަކު އަޅުގަނޑަށް އެނގޭ ގާސިމަކީ މީހުންނާ މައްސަލަ ޖެހި މީހުންނަށް ލަނޑު ދީގެން އުޅޭ މީހެއް ނޫން،"
ޝަރީފް

ގާސިމް ހަސަންގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އޮތެވެ. ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 59 އަހަރުގެ ގާސިމުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މާލޭ އާސަހަރާ މިސްކިތުގަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ގާސިމްގެ އަތަށާއި ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ރޭ 9:50 ހާއިރު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަން ކުރި މީހުން ހޯދަން ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލެ އަށް ދަތުރުކުރާ ވެހިކަލްތަކާއި މީހުން ފާސްކުރަމުން ދާނެ ކަމަށެވެ. އަދި މި އަމަލު ހިންގި ބަޔަކު ހޯދޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ފުލުހުންނާ މައުލޫމާތު ހިއްސާކުރުމަށް ވެސް ސީޕީ ހަމީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.