ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރެވޭ ގޮތް ހަމަޖައްސަން ނިންމައިފިއެވެ.

ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) އާ ގުޅިގެން އިންޑިޔާގައި މަގުބޫލުކަން ހޯދާފައިވާ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައި ވަނީ މިއަދުއެވެ. އެންޕީސީއައި އާއި ބީއެމްއެލުން އެމްއޯޔޫއެއްގައި މިއަދު ވަނީ ރުޕޭ ކާދު ބޭނުން ކުރެވޭ ގޮތަށް ނިންމާ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގެ ބައިވެރިވުމާއެކު މި އެމްއޯޔޫގައި ސޮއިކުރުން އޮތީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބީއެމްއެލުން ބުނީ، މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ. މި އެއްބަސްވުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވޯ، އިންޑިއާގެ ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަނާ ގުޅިގެން ރާއްޖޭގައި ރުޕޭ ކާޑު ބޭނުން ކުރުމުގެ މަސައްކަތް ފެށުމަށް އެހީތެރިވުމަކީ ލިބިވަޑައިގަންނަވާ ބޮޑު އުފަލެއް ކަމަށެވެ. ނަގުދު ފައިސާ ނުގެންގުޅޭ އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި މުޖުތަމައަކާ ދިމާލަށް ދަތުރުކުރުމަށް މިއީ އިންޑިއާގެ ސަރުކާރުގެ މުހިންމު އިސްނެގުމެއް ކަމަށާއި ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމުން ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެފަދަ ދެވަނައެއް ނެތް ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ. 2019 ވަނަ އަހަރު ރުޕޭ ނެޓްވޯކުން އޮންލައިންކޮށް އަދި މާޗަންޓުން މެދުވެރިކޮށް 1 ބިލިއަން ޓަރާންސެކްޝަން ވަނީ ހަދާފައެވެ. އަދި ރުޕޭ ކާޑު ބޭނުންކުރެވޭ އޭޓީއެމް އާއި ޕީއޯއެސް އަދި ވެބްސައިޓްތައް އިތުރުކުރުމުގެ ގޮތުން ރުޕޭއިން ވަނީ އިންޑިއާ އަދި ބައިނަލްއަގްވާމީ 600 އަށް ވުރެ ގިނަ ބޭންކާއި ޕާރޓްނާޝިޕް ހަދާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އާ އެންޕީސީއައި އާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ތަނުގައި ދެފަރާތް ގުޅިގެން ތައްޔާރުކުރެވޭ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް އިންޑިއާގެ އޭޓީއެމްއާއި ޕީއޯއެސް މެޝިންގައި އެ ކާޑު ބޭނުންކުރުމުގެ އިތުރުން އިންޑިޔާގައި ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިހާރު ބީއެމްއެލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް ހިމެނެއެވެ. 50 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރާއި 115 އޭޓީއެމް އަދި 277 ކޭޝް އޭޖެންޓުން ހިމެނެއެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތްވެސް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ. ގައުމީ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.