ދިމިގްރާތީ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ވެރިކަން ކުރަން ފެށިފަހުން އިދާރީ ދާއިރާތަކަކަށް ރާއްޖޭގެ ހިންގުން ބަހާލިއެވެ. އަދި އޭގެފަހުން ކޮންމެ ތިން އަހަރަކުން އެއް ފަހަރު ރާއްޖޭގައި ކައުންސިލަރުން އިންތިހާބުކުރަން ފެށިއެވެ. ކައުންސިލަރުން އިންތިހާބު ކުރަނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ. އާއްމު އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި އިންތިހާބު ކުރިޔަށް ގެންދަނީ ކެމްޕޭންތަކެއް ކޮށް ރައްޔިތުން ގާތަށް ވޯޓު ހޯދަން ދޮރުން ދޮރަށް ނިކުމެ ބުރަ މަސައްކަތްތަކެއް ރައްޔިތުންވެސް ކޮށްގެންނެވެ.
އެހެންނަމަވެސް ކައުންސިލްތަކުން ރަނގަޅަށް މަސައްކަތް ނުކޮށްފިނަމަ ނުވަތަ ކައުންސިލަރަކު އޭނާއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރަމުން ނުދާ ކަމަށްވާނަމަ އޭނާއާ މެދު ފިޔަވަޅު އެޅުން އޮންނަނީ ދޯހަޅި ކަމެއްގެ ގޮތުގައެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ގާނޫނަށް އިސްލާހު ގެނެސްގެން ރަނގަޅު ކުރަންޖެހޭ ކަމެކެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ވައުދުގެ ދަށުން ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެ ބިލް ދިރާސާކޮށް ކޮމެޓީން ނިންމާފައި ވާއިރު ބިލު ހުށަހެޅިއިރު ނެތް އެތައް ކަންތައްތަކެއް މިހާރު އޮތީ ބިލަށް ގެނެސްފައެވެ. އެކަންކަން ފާސްކޮށްފައި ވާއިރު ބިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އޭގެތެރޭގައި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ދާއިރާގެ މެންބަރުންވެސް ހިމެނެއެވެ.
އެގޮތުން ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ ކައުންސިލަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ އެއީ ދުސްތޫރިއްޔަތުގެ ސުވާލެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބު ކުރެވޭ ފަރާތްތަކުގެ ތެރެއިން ވަކި ކުރެވިދާނެ ފަރާތްތަކާއި ވަކި ނުކުރެވޭނެ ހާލަތްތަކާއި އިޖުރާއަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކުރެއްވި ވިދާޅުވީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށެވެ. ރަށެއްގެ ރައްޔިތުން އެރަށަކަށް ހިދުމަތް ކުރުމަށް ހޮވާފައި ތިބޭ މީހުންނާ މެދު ކަންކުރަންވީ ގޮތް ސިޔާސީ ޕާޓީއެއްގެ "ހަންމުއްޓަކުން" ނިންމައިގެން ނުވާނެ ކަމަށެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ވިދާޅުވީ މަޖިލީހަށް ކައުންސިލަރުން ވަކި ނުކުރެވޭނެ ކަމަށެވެ. އެހެންނަަމަވެސް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ވޯޓަކުން ކައުންސިލަރަކު މަގާމުން ވަކި ކުރުމަށްފަހު އެކަން މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ލާމަރުކަޒީ ކޮމެޓީގެ ނިންމުން ދިފާއު ކުރައްވާފައެވެ. އެގޮތުން ލަމާރުކަޒީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ޒިންމާދާރު، އިތުބާރާ ހައިބަތުހުރި ކައުންސިލްތަކެއް އުފެއްދުން އެއީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. ހަތަރު މަރުހަލާއަށް ފަހު ފަސްވަނަ މަރުހަލާގައި މަޖިލިސްއަށް ކައުންސިލަރުން ވަކިކުރުމުގެ ބާރު ދެނީ އެލްޖީއޭއަށް އެބާރު ނުދޭން ކަމަށްވެސް ވައްޑޭ ވިދާޅުވިއެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބޭނެ ކަމަށް ބަލައިގެން ނޫން ކަމަށް ވައްޑޭ ވިދާޅުވިއެވެ. އަދި އެކަން ކުރަނީ އިހުލާސްތެރި ނިޔަތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ލާމަރުކަޒީ ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދޭށެވެ.
ލާމަރުކަޒީ ކޮމެޓީން ގާނޫނަށް ގެނެސްފައިވާ މި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށެވެ.
އަދި ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުންވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ކައުންސިލްގެ ރައީސް މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވާ ކަމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށްވެސް ގާނޫނަށް ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.