ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމާއި ގުޅޭ ގޮތުން ވޯޓަށް އެހުން މިއަދުގެ ޖަލްސާގައި އޮންނާނެ ކަމަށް މަޖިލީިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޣަނީ ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާސާކޮށް ނިންމަވާފައިވާ ގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

ރިޕޯޓް ހުށަހަޅުއްވައިދެއްވަމުން އެކޮމެޓީގެ މުގައްރަރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރުމަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

ޖުޑިޝަރީ ކޮމެޓީގެ ނިންމުމަށް ބަހުސް ކުރުމަށް ދެ ގަޑިއިރަށް ހުޅުވާލި ނަމަވެސް އެއްވެސް މެންބަރަކު ބަހުސް ކުރުމަށް ފުރުސަތަކަށް އެދިފައެއްނުވެއެވެ.

އެގޮތުން ރައީސް ނަޝީދު ވަނީ މިއަދުގެ ވޯޓް ގަޑީގައި ފަނޑިޔާރު ޣަނީ މަގާމުން ވަކިކުރުމަށް ވޯޓަށް އަހާނެ ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު ކަމުން ޣަނީ ވަކި ކުރުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލުކޮށް ނިމުނީއެވެ.

ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ. ފަނޑިޔާރު ޣަނީގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން)ވެސް އަންނަނީ ބަލަމުންނެވެ.