އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ މައްޗަށް ކުށް ސާބިތުވެ، 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިން ތަކެއް އަފްގާނިސްތާނުގައި ހައްޔަރު ކޮށްފި ކަމަށް އެގައުމުގެ ނޫސް އޭޖެންސީއަކުން ރިޕޯޓުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި އަލީ ޝާފިއުވެސް ހިމެނެއެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ 2018 ވަނަ އަހަރު ޝާފިއު ވަނީ އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާއެކު ބޭސްފަރުވާ ކުރުމަށް ސްރީލަންކާ އަށް ގޮސް، ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނުގެ މަގުން އަފްގާނިސްތާނަށް އެތެރެވެފަ ކަމަށެވެ.

"އަލީ ޝާފިއު ސްރީލަންކާ އިން ޕާކިސްތާނަށް ދަތުރުކުރިކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަވިސްއަށް ލިބުމާއި ގުޅިގެން ބޭރުގެ ސަލާމަތީ އަދި ތަންފީޒު އިދާރާތަކާއި ގުޅިގެން ބެލިބެލުމުން ޝާފިއު ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބުނު، އަދި އޭގެފަހުން 2018 ނޮވެމްބަރ 11 ވަނަ ދުވަހު ޝާފިއު އާއި އޭނާގެ އަންހެނުންނާއި ދަރިން އަފްގާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަޕޯލް މެދުވެރިކޮށް މިސަވިސްއަށް ލިބުނު،" ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ އޭނާ އަފްގާނިސްތާނަށް ދަތުރު ކޮށްފައި ވަނީ އެގައުމުގައި ހަރަކާތްތެރިވާ އައިއެސްއާ ގުޅުމަށް ކަމަށާއި ޝާފިއުގެ އަތުން ނެގުނު ޑިޖިޓަލް ޑިވައިސް އަކުން އައިއެސްގެ ޕްރޮޕެގެންޑާ ވީޑިއޯތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

ޝާފިއު އާއި އޭނާގެ އާއިލާ އަފްގާނިސްތާނުގައި ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމާ އެކު އަފްގާނިސްތާނުގެ އިދާރާތަކާ ގުޅިގެން މިމައްސަލަ ވަރަށް ގާތުން ބަލަމުން ގޮސްފައިވާ ކަމަށެވެ. މިމައްސަލައިގެ ތަހުގީގު އަފްގާނިސްތާނުގެ ކަމާގުޅޭ އިދާރާތަކާ އެކު ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

"ޝާފިއުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްގާނިސްތާނުގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން އެމައްސަލަ ތަހްގީގުކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު، އަލީ ޝާފިއުގެ މައްޗަށް ޓެރަރިޒަމްގެ ކުށްސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވޭ،" ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ، ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދު ކޮށް، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއް ކަމަށެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކުރީގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ސީރިޔާއަށް ދާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ހިފަހައްޓާފައި ކަމަށެވެ.

"އަލީ ޝާފިއު އަކީ ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2015 ސެޕްޓެމްބަރ 30 ވަނަ ދުވަހު ހައްޔަރުކުރެވުނު މީހެއް، މިގޮތުން ބ. ހިބަޅިދޫ ކައިރީ ކަނޑު ތެރެއިން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި އަލީ ޝާފިއުގެ އަތުން ފެނުނު، ނަމަވެސް މިމައްސަލައިގައި ޝަރީއަތަށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފަ" ބަޔާނުގައިވެއެވެ.