ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވެ، ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޏ. ފުވައްމުލަކު، މާދަޑު ކަރިއްޔާވިލާ އަމީން މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ހަނގުރާމައަށް ދިވެހިން ފޮނުވުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އޭނާއަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ މީހެކެއެވެ. އެއީ އެ ލިސްޓަށް ދިވެއްސެއްގެ ނަން އެރި ފުރަތަމަ ފަހަރުވެސްމެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަމީން އަކީ ހަނގުރާމައަށް މީހުން ފޮނުވުމުގައި ހަރަކާތްތެރިވުމާއި އެކަމަށް ވާގިވެރިވުމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް މާލީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ދިނުމުގެ ތުހުމަތުގެ އިތުރުން އެފަދަ ޖަމާއަތްތަކުގެ ވެރިންނާ ގާތް ގުޅުން ބޭއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
އަމީންއަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ހޯދި މީހެކެވެ. ނަމަވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅެފައެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ރެެޑް ނޯޓިސް ނެރެގެން ލަންކާގައި ހުއްޓައެވެ. ހައްޔަރުކޮށްގެން ރާއްޖެ ގެނެސް އެފަހަރު އޭނާ ވަނީ ދޫކޮށްލާފައެވެ.