ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލާގައި މުހަމަދު މަޒީދާއި ސާމިތު މުހައްމަދަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ މަރު ކޮމިޝަނުން މިއަދު ބުނީ، މި ތިން މަރާއި ގުޅިގެން ދައުވާ ކުރުމަށް ކުރަން ޖެހޭ ކަންކަން ކޮށްދިނުމަށް އެދު އެ ކޮމިޝަނުން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން ކޮމިޝަނުން ބުނީ މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވީ، ޑރ. އަފްރާޝީމާއި، ރިޟްވާން އަދި ޔާމީން މަރާލަން ރާވާ، އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތުކުރެވޭ ހަރަކަށި ފިކުރުގެ މަޒީދާއި ސާމިތަށް ކަމަށެވެ.

މަރު ކޮމިޝަނުން އާންމުކޮށްފައިވާ ރިޕޯޓްތަކުން ދައްކާ ގޮތުން، މި ތިން މީހުން ވެސް މަރާލާފައިވަނީ ދީނީ ގޮތުން ހިޔާލު ތަފާތުވުމުގެ ސަބަބުން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށެވެ. އެގޮތުން، ސެލްތަކަށް ބަހާލައިގެން ހަރުކަށި ފިކުރަށް މީހުން ތަމްރީނުކޮށް، ސެލްތަކަށް ބަހާލައިގެން މީހުން ލައްވާ، ލޭ އޮހޮރުވުމުގެ މިފަދަ އަމަލުތައް ކުރަމުންދާ ގްރޫޕެއް އުޅޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މަރު ކޮމިޝަނުން މިހާތަނަށް އާންމުކޮށްފައި ވަނީ ޑރ. އަފްރާޝީމްގެ ރިޕޯޓާއި ރިޟްވާންގެ ރިޕޯޓެވެ. ޔާމީންގެ ރިޕޯޓް އަދި އާންމުކޮށްފައި ނުވާއިރު، އަންނަ އެ މައްސަލައަކީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެކެވެ. އަދި އެ މައްސަލާގައި ހުކުމް އިއްވުން ވަނީ އަންނަ ޖެނުއަރީ މަހަށް ތާވަލުކޮށްފައެވެ.