އުމުރުން 33 އަހަރުގެ މުހައްމަދު މާޒިން އަކީ ގައުމަށްޓަކައި ކޮންމެ ކަމެއް ވެސް ކުރުމަށް އަބަދުމެ ތައްޔާރަށް ހުންނަ، ހުނަރުވެރި، ހިތްވަރުގަދަ، ގައުމަށް އަގުހުރި ދަރިއެކެވެ.

މިއަދު ފާހަގަ ކުރަމުން މިދާ، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގައި މާޒިންގެ ވާހަކައަށް ކަޅިއެއް އެއްލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ނުކުޅުންތެރިކަން ހުންނަ މީހަކަށް ވިޔަސް، ހިތްވަރާއި މަސައްކަތުން ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަން މާޒިން ވަނީ މިއަދު މުޖުތަމައަށް ސާބިތުކޮށްދީފައެވެ.

ލޮލުގެ ފެނުމުން މަހުރޫމު ވީ ކިހިނެތް؟

ކުޑައިރުއްސުރެ ސިފައިންގެ މީހަކަށް ވުމުގެ ހުވަފެން ދެކެމުން އައި މާޒިންގެ ހުވަފެންތައް ފުނޑުފުނޑު ވެގެން ދިޔައީ، އޭނާގެ އުމުރުން އެންމެ 17 އަހަރުގައެވެ. މާޒިން ކިޔައިދިން ގޮތުގައި އޭނާ އެންމެ ކުޑައިރުއްސުރެ ވެސް އޭނާގެ ލޮލުގައި މައްސަލަ ހުރެއެވެ.

"އުމުރުން ގާތްގަނޑަކަށް 16 އަހަރުގައި، އެއްދުވަހު ހޭލިއިރު ކަނާތު ލޮލަކަށް ނުއެއް ފެނޭ. ލޯ އުނގުޅާ އުނގުޅާފަ ބެލިއިރު ވެސް އެއްވެސް ވަރަކަށް ނުފެނޭ. ނަމަވެސް، އާއިލާގެ ފޯރުންތެރިކަމާއި ހުރިހާ ކަމަކަށް ވިސްނާފަ، އާއިލާގެ އެއްވެސް މީހަކު ކައިރީގައި އެވާހަކަ ނުބުނަން" މާޒިން

މާޒިން ކިޔައިދިން ގޮތުގައި، އޭނާގެ ކަނާތު ލޮލަށް ނުފެންނަ ކަން އޭނާގެ އާއިލާ މީހުންނަށް އެނގުނީ، އުމުރުން 16 އަހަރުގައި ބޭސް ފަރުވާ އަށް އިންޑިއާއަށް ގޮސް އުޅެނިކޮށް ކަމަށެވެ. ނަމަވެސް، އޭރު މާ ލަސް ވެއްޖެއެވެ. ޑޮކްޓަރު ބުނީ، ކަނާތު ލޯ ސަލާމަތް ކުރަން ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. ޑޮކްޓަރުން ދިން ޖަވާބުން، ވާތުލޮލަށް ލޭޒާ ޓްރީޓްމަންޓެއް ނެގުމަށްފަހު އައިނު ހައްދައިގެން މާލެ އައީ އެވެ. ނަމަވެސް ބޮޑަށް ލޯ ސަކަރާތް ވީ ލޭޒާ ޓްރީމަންޓް ނެގުމަށް ފަހު އަހަރެއް ވަރު ފަހުންނެވެ.

ހުކުރު ދުވަހަކު ދައްތަމެންގެ ކޮޓަރިއެއް ހަދަން އުޅެފަ، ކުޑަ ބްރޭކެއް ނަގާފަ ނިދާލީ. ނިދާފަ ތެދުވި ގަޑީގަ ފެންނަނީ ރަތް ކުލައެއް. ލޯ ވަރަށް ބޮޑަށް ފިއްތާލާފަ ހުޅުވާލާ ގަޑީގަ އެ ކުލަ ގަދަވާހެން ހީވަނީ. މިކަމާ ކަންބޮޑުވެގެން އިށީދެ އިނދާ މާމަ އަންނަނީ
މާޒިން
މުހައްމަދު މާޒިން

އަބަދުވެސް މާޒިންއާ ގާތްގުޅުމެއް އޮންނަ އޭނާގެ މާމަ، މާޒިން އަށް ކަމެއް ވެއްޖިއްޔާ ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެއެވެ. އެދުވަހު ވެސް މާޒިން އަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނީ މާމައަށެވެ. ދަރިފުޅާ ކިހިނެތް ވީހޭ އަހަލުމާ އެކީ ލޮލުގެ ފެނުން ގެއްލި މުޅިތަނުން ރަތް ކުލައެއް ފެންނަ ވާހަކަ މާޒިން ކިޔައި ދިނީ މާމައަށެވެ. އެހިސާބުން އެމަޖެންސީކޮށް މާޒިން ފުރީ ފަރުވާ ހޯދުމަށް އިންޑިއާ އަށެވެ. އިންޑިއާ އަށް ދިއުމުން ޑޮކްޓަރު ބުނީ، މާޒިންގެ ލޮލަށް ދިމާވެފައިވަނީ ރެޓިނާގެ މައްސަލައެއް ކަމަށާއި، ރެޓިނާ ޑިޓޭޗް ވެފަ ހުރުމުގެ ސަބަބުން އެޓޭޗް ކުރަން ފުދޭ ވަރަކަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ.

ރެޓިނާ އެޓޭޗް ކުރުމުގެ އޮޕަރޭޝަނަށްފަހު ވަރަށް ރީއްޗަށް ފެނުނު ކަމަށް މާޒިން ކިޔައިދިނެވެ. ނަމަވެސް، ޑޮކްޓަރު ލަފާ ދިނީ 3 މަސް ވަންދެން ހިރަފުހާ ގާތް ނުވުމަށް ސްކޫލަށް ވެސް ނުގޮސް، ބޭރަށް ނުގޮސް ގޭގަ ހުރުމަށެވެ. ބޭރަށް ނުގޮސް އަބަދު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން، ކުޅިވަރަށް ލޯބި ކުރާ މާޒިނަށް އެކަންވީ އުނދަގޫ ކަމަކަށެވެ. މަންމަ މެންނަށް ވަގުވަގަށް ގޭކައިރީގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް ބަލާލަން ދެވެއެވެ. ހިރަފުހާ ދުރުގައި އުޅުމަށް ޑޮކްޓަރު ލަފާ ދީފައި އޮތުމުން ނުކުޅެ އިނދެފައިވެސް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާޒިން ކުޅުނެވެ. މާޒިން ބުނީ، އެ ދުވަހު ކުޅެ ނިންމާފައި އަބަދުވެސް އެކުގައި މަޖާކޮށް ސަކަރާތް ޖަހާ އުޅޭ ރައްޓެހިންނާ އެކު ގެއަށް ގޮސް ލޮލަށް ބޭސް އަޅައިގެން، އެމީހުން ގާތު އުނދަގޫ ނުކުރާށޭ ބުނެ އަރާމު ކޮށްލަން ޖައްސާލީ ކަމަށެވެ. ނަމަވެސް، ލަވަ ޖަހަން ތިބުމަށްފަހު އެމީހުން ކަން ކުރީ އެހެން ގޮތަކަށެވެ.

މުހައްމަދު މާޒިން
މާޒިންގެ ރައްޓެހިން ލަވަ ޖަހަން ތިބެފަ، އިރުކޮޅަކުން މާޒިން އަށް ގޮވާލީ މާޒިން އަށް. ގޮވާލީމަ މާޒިން އެނބުރި ކިހިނެތް ވީހޭ އަހާ ބަލާލި ގަޑީގަ، ލޮލަށް އެއްޗެއް ފަޅައިގެން ދިޔައީ، ޕައް އަޑެއްކިޔާފަ، ކުނޑިތައް ލޮލުގަ ޖެހުނީ. ޖެހުމާއި އެކީގަ ފެނުން ގެއްލުނީ ހަމަ އެއްކޮށް. ދެން މަންމަ އަށް އެ އަޑު އިވެގެން އައީ، އައިސްސަ އެހީ ކިހިނެތްވީ ހޭ، ކޮން އަޑެއްހޭ. އެހީމަ މަންމަ ކައިރީގަ ބުނީ، މިހާރަކު ނުފެނެއޭ އެއްވެސް އެއްޗެއް. އަނެއްކާ ވަގުތުން ފުރީ، ފުރައިގެން ގޮސް ޑްކްޓަރަށް ދެއްކީމަ ބުނަނީ، ދެން މާޒިންގެ ލޮލަކަށް ނުފެންނާނެއޭ، އެއީ ދިރިއުޅުމުގެ އެންމެ ހިތްދަތި ވަގުތުކޮޅު
މާޒިން

އެހިސާބުން މާޒިން ކުރިމަތިލީ އޭނާގެ ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކާއެވެ. ކުރިމަތިލާން ޖެހުނީ އެކަނިވެރިކަމާއެވެ. އެކަނިމާއެކަނި އަބަދު ގޭގައި އޮންނަން ޖެހުމުން ހުރިހާ ކަމަކަށް ވިސްނި، މީހާ މެންޓަލީ 'ސަކަރާތްވާން' ފެށީއެވެ. ކުރިން އެކުގައި ސަކަރާތް ޖަހާ، މަޖާކޮށް ހެދި ރައްޓެހިންވެސް މިހާރު ނާދެއެވެ. މިގޮތުގައި އުޅުމުގެ ތެރޭގައި 3 ފަހަރަކު ދިރިއުޅުމުގެ އުންމީދު ކަނޑާވެސް ލިއެވެ.

މުޖުތަމައަށް ބޭނުންތެރި މީހަކަށް ވުމަށް ކުރި ދަތުރު

ލޮލުގެ ފެނުމުން މަހުރޫމެ، އަބަދު ގޭގައި އުޅެން ޖެހުމުން، މާޒިން ކުރަން ފެށި ކަމަކީ އެފްއެމް އަޑުއަހަން ފެށުމެވެ. އެގޮތުން، ލޮލުގެ ފެނުމުން ފަހުރޫމުވެފައިވާ މީހަކީ މާޒިން އެކަނިކަމަށް ހީކޮށްގެން އުޅެނިކޮށް އެއްދުވަހު ޝޯ އެއްގެ ތެރެއިން މާޒިން އަށް އިވުނީ ލޯފަން ކުއްޖަކު، އެކުއްޖާގެ ވާހަކަ ކިޔައިދިން އަޑެވެ. އުފެދުނު އުއްމީދުގެ ހުޅުކޮޅާ އެކު ވަރަށް މަސައްކަތުން، ރޭޑިއޯ ސްޓޭޝަނަށް ގުޅައިގެން މާޒިން އެ ކުއްޖާގެ ނަންބަރު ހޯދާ ގުޅިއެވެ. އެ ކުއްޖާގެ ފަރާތުން މިފަދަ އިތުރު ކުދިންނާ ބައްދަލުވެ، ރައްޓެހިކަން ބަދަހިވިއެވެ.

އަބަދު ގޭތެރޭގައި އުޅޭ އެކުދިންނަކީ އެއްވެސް ކަހަލަ އެވެއާނެސް އެއް އެޑިއުކޭޝަނެއް ލިބިފައެއް ނެތް ކުދިން ކަމަށްވުމާއިއެކު އެކުދިންގެ ވިސްނުން އިންނަނީ އެކުދިންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އަދި އެމީހުންނަކީ ގޭގަ ތިބެން ޖެހޭ ބައެއްގެ ގޮތުގައެވެ. މާޒިން ބުނީ، ލޯފަން ވިޔަސް ކަންކަން ކުރެވިދާނެ ކަން އެކުދިންނަށް ވަރަށް ވިސްނައިދިން ކަމަށެވެ. ނަމަވެސް އެއްވެސް ގޮތަކަށް އެ ހިޔާލު ގެންގުޅޭކަށް އެކުދިން ބޭނުން ނުވި ކަމަށެވެ.

ބުނާނެ ތި ދައްކަނީ ބޭކާރު ވާހަކައޭ
މާޒިން

މުޖުތަމައަށް ކަމެއް ކޮށްދިނުމުގެ އަޒުމުގައި މާޒިން މަސައްކަތް ފެށީ 2007 ވަނަ އަހަރެވެ. ނަމަވެސް އެކުގައި އުޅުނު ކުދިންގެ ވިސްނުން ހުރި ގޮތުން، އެކަމަށް އެކުދިންގެ އެއްބާރުލުން ހޯދުމަށް އެކަނިވެސް 3 އަހަރު ވާންދެެން މާޒިން މަސައްކަތް ކުރަން ޖެހުނެވެ. ހައްގުތައް ހޯދުމަށް ވަކާލާތު ކުރުމާ ބެހޭގޮތުން އެމީހުންނާ ވާހަކަ ދަައްކައިގެން، މަޑު މަޑުން ގޮސް ބައެއް ކުދިން އެކަމަށް އެއްބަސް ވާން ފެށީ 3 އަހަރުންނެވެ. ފުރަތަމަ މަސައްކަތް ކުރީ، ޖަމްއިއްޔާއެއްގެ ގޮތްޕެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ. ނަމަވެސް، އެކަން ކާމިޔަބުވާގޮތް ނުވުމުން ދެން އަމިއްލަ ޖަމްއިއްޔާއެއް އުފެއްދުމުގެ މަސައްކަތް ފެށީއެވެ. އެކަން ކާމިޔާބުވެ، ބްލައިންޑް އެސޯސިއޭޝަނުގެ ނަމުގައި ޖަމްއިއްޔާ ރަޖިސްޓްރީ ކުރެވުނީ 2010 ވަނަ އަހަރު ޖެނުއަރީ 26 ވަނަ ދުވަހެވެ.

މުހައްމަދު މާޒިން

ޖަމްއިއްޔާ ރަޖިސްޓްޓްރީ ކުރުމަށް މަސައްކަތް ކުރި ދުވަސްކޮޅަކީ ވަރަށް ގިނަ ކަންތަކާ، މީހުންގެ ފަރާތުން ހިތްދަތި ބަސްތައް އިވުނު ދުވަސްވަރެކެވެ. "މާޒިން އަކީ ތީ ކަނެއް. ކަނަކަށް ކޮން ކަމެއް ކުރެވޭނީ" ގައުމުގެ އިސް ސަފުގައި ތިބި މީހުންގެ ފަރާތުންވެސް މިފަދަ ބަސްތައް އަޑުއަހަން ޖެހުނު ކަމަށް މާޒިން ބުނެއެވެ. ނަމަވެސް އެ ބަސްތަކާއި ކުރިމަތިލަމުން، ބައެއް ދުވަސް ދުވަހު ގެއަށް އައިސް ރޮވެ، އަލުން އާ އަޒުމަކާ އެކު އަނެއް ދުވަހު ނިކުންނަ ދުވަސްތައް ގިނަ ކަމަށް އޭނާ ބުނެއެވެ.

މުޖުތަމައު ތެރޭގައި މާޒިން މެން ބަލައިގަނެ ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ކުރިއަރާނެ މަގެއް ފެންނަން ފެށީ ގާތްގަނޑަކަށް ޖަމްއިއްޔާ އުފެދުނުތާ ދެ އަހަރު ފަހުންނެވެ. ހައްގުތައް ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގައި ހަގީގީ ކުލަ ޖެހެން ފެށީއެވެ. މިހާރު މުޖުތަމައު ތެރޭގައި ލޯފަން ކުދިން ބަލައިގަނެފައިވާ މަންޒަރު ފެނިގެންދާނެއެވެ. ލީޑާޝިޕްގަ މަސައްކަތް ކުރާ މަންޒަރުވެސް ފެންނާނެއެވެ. މުޖުތަމައު މިކަންކަމަށް ހޭލުންތެރިކުރުމުގައި ހުއްޓުމެއް ނެތި 9 އަހަރު ވަންދެން ބްލައިންޑް އެސޯސިއޭޝަންގައި އެންމެ އިސްކޮށް މަސައްކަތް ކުރުމަށްފަހު މާޒިން ވަނީ އެ ޖަމްއިއްޔާގެ ލީޑާޝިޕާއި ދުރުވެ، އެ ފުރުސަތު އެހެން ކުއްޖަކަށް ދީފައެވެ.

ބްލައިންޑް އެސޯސިއޭޝަނަކީ މާޒިން މާޒިން އަށް ވާން އެޅުނު އެންމެ ބޮޑު ފިޔަވަޅަކީ. މާޒިން މީހަކަށްވީ އެ ޖަމްއިއްޔާގެ ސަބަބުން
މާޒިން

ޖަމްއިއްޔާގައި މަސައްކަތް ކުރި އިރު ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ކޭޝް ކާޑުގެ މައްސަލަ ކަމަށް މާޒިން ބުނެއެވެ. ލޯފަން ކުދިންނަކަށް ކޭޝް ކާޑު ހައްދައި ނުދޭތީ ޖެހުނު މައްސަލައެކެވެ. ނަމަވެސް ގާތްގަނޑަކަށް 4 އަހަރު 6 މަސް ވަންދެން އެކަމަށް މަސައްކަތް ކޮށްގެން އެކަން ވެސް ވަނީ ހާސިލުކޮށްފައެވެ. މިފަދައިން ވަރަށް އުނދަގުލުން ހާސިލްކޮށްފައިވާ ވަރަށް ގިނަ ކަންތައްތައް ހުންނާނެއެވެ.

ބްލައިންޑް އެސޯސިއޭޝަނުން ލޯފަން ކުދިންގެ ހައްގު ހޯދުމަށް ފެށި މިދަތުރު، ވަރަށް ދިގެވެ. މިހާރު ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ބެހޭ ކައުންސިލް، ޑިސެބިލިޓީ ކައުންސިލްގެ ހުރިހާ ކުދިންގެ ހައްގުގައި ވަކާލާތު ކުރަން ހުންނަނީ މާޒިންއެވެ. އަދި ނެޝަނަލް ޔޫތް ކައުންސިލްގެ އިތުރުން ގިނަ ޖަމްއިއްޔާތަކުގެ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މާޒިންގެ މިހާރުވަނީ އޭނާގެ އަމިއްލަ ޖަމްއިއްޔާއެއް އުފައްދާފައެވެ. 'ވެލްނެސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް'ގެ ނަމުގައި އުފެއްދި މި ޖަމްއިއްޔާއަކީ ޑިސޭބިލިޓީ، އޯލްޑް އޭޖް، މައިގްރެއިން ވޯކާސް އަދި ޔޫތް މި ހަތަރު ބަޔަށް މައިގަނޑުކޮށް ބަހާލައިގެން އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

އެހެން ކުދިންނަށް މާޒިން ދޭނެ ނަސޭހަތަކީ ކޮބާ؟

"އެހެން މީހުންނަށް މާޒިން ދޭން ބޭނުންވާ އެޑްވައިސް އަކީ ގޭގަ ނުތިބޭށޭ. ފުރުސަތުތައް އެބަހުއްޓޭ، އެފުރުސަތުތައް ހޯދަން މަސައްކަތް ކުރާށޭ. މަސައްކަތް ކޮށްފިއްޔާ ކޮންމެ ކުއްޖަކަށް ވެސް ކާމިޔާބު ލިބޭނެއޭ. ބެލެނިވެރިންނަށް ވެސް ބުނަން ބޭނުންވަނީ ކުދިން ގޭގަ ނުބައިތިއްބާށޭ، މުޖުތަމައަށް ނިކުންނާށޭ އެކުދިން ގޮވައިގެން. ބެލެނިވެރިންނޭ އެކުދިންނަށް އެހީ ވާން ތިބި ބަޔަކީ. އެކުދިންނަށް ފަހިވެފަ ތިބި ފުރުސަތުތައް ހޯދައި އޭގެ ބޭނުން ހިފުމަށް އެހީވާށޭ. މީހަކު އެހީއެއް ނުވެއޭ ކިޔާފަ ނުތިބޭށޭ، ނިކުންނާށޭ."

މުޖުތަމައަށް މާޒިން ދޭން ބޭނުންވާ މެސެޖަކީ، ނުކުޅުދުންތެރިކަން ހުންނަ ކުދިނަކީ މުޖުތަމައުގައި ބާކިވެފައި ތިބި ބަޔަކަށް ނަހަދާ، އެކުދިންނަށް ބޭނުންވާ މުޅި މުޖުތަމައުގެ އެއްބާރުލުން ދިނުމަށެވެ. މިއަދު މުޖުތަމައުތެރޭގެ ނުކުޅުންތެރިކަން ހުންނަ ކުދިން ބަލައިގަންނަ މަންޒަރު ފެންނަ ކަން ފާހަގަކޮށް މާޒިން ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން މުޖުތަމައު ރަނގަޅުވަމުންދާކަން ފާހަގަކޮށްފައެވެ. ނަމަވެސް އަދިވެސް އެންމެ އެކަށީގެންވާ ގޮތަށް ބަލައިގަނެއެކޭ ނުބުނެވޭނެއެވެ.

މުހައްމަދު މާޒިން

މުޖުތަމައަށް ގިނަ ގުނަ ހިދުމަތްތަކެއް މާޒިން ކޮށްދީފައިވާއިރު، މާޒިން އަކީ މިއަދު މީޑިއާ ދާއިރާގައި މަސައްކަތް ކުރަމުން ޖަމްއިއްޔާއެއްގެ ޗެއާ ޕާސަންގެ މަގާމު ފުރަމުންދާ މީހެކެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރި މާޒިން އަކީ ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލު ކުރި ލޯފަން ދުވުންތެރިޔާއެވެ. މިއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މާޒިން ވަނީ ރާއްޖެއަށް ބްރޯންޒް މެޑަލެއް ހޯދާދީފައވެ.

މިފަދައިން މުޖުތަމައަށް ހިދުމަތް ކޮށްދޭނެ ދިވެހިން ދަރިން މި މުޖުތަމައަށް ވަނީ އިންތިހާއަށް ބޭނުންވެފައެވެ. ނުކުޅުދުންތެރިކަމާއި، އެހެނިހެން ހާލަތްތަކާއި ކުރިމަތިވެފައިިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ ހައްގުތަކުގައި މަސައްކަތް ކުރާނެ އަގު ހުރި ދަރިންނެވެ. މިއަދު ފާހަގަ ކުރަމުން މިދާ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި އެ ފަރާތްތަކަށް އަޅާލާ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމަށް ދެކެމާ ހިނގާށެވެ.