ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެތުލީޓް ހަސަން ސާއިދު ރަން މެޑަލް ހޯދައިފިއެވެ.
ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ "ސައުތް އޭޝިއަން ގޭމްސް"ގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯފައިފައި ވާއިރު މިއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރު އަހަރުވީ ތާރީހުގައި ރާއްޖެ އަށް ރަން މެޑަލެއް ހޯދައިދިން މިއީ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގެ ރިހި މެޑަލް ހޯދި ސާއިދު، މި ފަހަރު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ދުވެގެންނެވެ. އެންމެ ފަހުގެ ގޭމްސްގައި ރަން މެޑަލް ހޯދީ ލަންކާގެ ހިމާޝާ އީޝާން ރޭސް ފަށައިގެން އެއް ވަނައިގައި އޮތް ނަމަވެސް ފަހު ވަގުތު ސާއިދު ދެމި ގަނެ 0.1 ސިކުންތުގެ ފަރަގަކުން ރަން މެޑަލް ކާމިޔާބުކުރީއެވެ. ހިމާޝާގެ ޓައިމިން އަކީ 10.50 ސިކުންތެވެ.
ހީޓުގައި ސާއިދު ތިން ވަނަ އަށް ދިއުމުން އޭނާ އަށް މެޑެއްޔެއް ލިބިދާނެ ކަމާ މެދު ޝައްކު އުފެދުނެވެ. ހީޓުގައި ސާއިދު 10.66 ސިކުންތުން ދުވިއިރު އެއް ވަނަ ހޯދީ 10.51 ސިކުންތުން ދުވި ހިމާޝާއެވެ. އަދި ދެ ވަނަ ހޯދީ 10.60 ސިކުންތުން ދުވި އިންޑިއާގެ ގުރިންދެރްވިރް ސިންހެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2015 ވަނަ އަހަރު ރަން މެޑަލް ހޯދައި ބައިނަލްއަގްވާމީ މަލްޓި ގޭމްސްއަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދި ސާއިދު މިއަދު މި ހޯދި ރަން މެޑެއްޔާ އެކު ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ޖާގަ ހޯދީ އެންމެ ކާމިޔާބު އެތުލީޓުގެ ގޮތުގައެވެ.
މި ރަން މެޑަލުގެ ކުރިން ސައުތު އޭޝިއަން ގޭމްސް އިން މިހާތަނަށް ރާއްޖޭން ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ތިން ރިހި މެޑަލް ހޯދުމެވެ. އެއީ 1991 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުން ހޯދި ރިހި މެޑައްޔާއި 2016 ވަނަ އަހަރުގެ ގޭމްސްގައި ސާއިދު 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ހޯދި ރިހި މެޑަލެވެ.