ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގަވާފައެވެ. ޖޭއެސްސީއިން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އޭނާ އިސްތިއުފާ ދެއްވާފައި ވަނީ، ޖޭއެސްސީއިން އޭނާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. އޭނާ މަގާމުން ވަކި ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ތާއީދުކޮށްފައެވެ.

ޖޭއެސްސީއިން ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ.

ހައިލަމްއާ ގުޅޭ ގޮތުން ޖޭއެސްސީއިން ބެލީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅޭ މައްސަލައެވެ.

ވައިބާ ގްރޫޕަކަށް ގަންހިންގުވާ ފޮޓޯއެއް ޝެއާ ކުރެއްވުމުގެ އިތުރުން އޭނާ އަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ 200،000ރ. ދެއްވި މައްސަލައެއް ވެސް ޖޭއެސްސީން ބެލި އެވެ.

ހައިލަމް އޭނާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އޭނާ ޖޭއެސްސީ އަށް ފޮނުއްވި ސިޓީތަކުގައިވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

އޭނާ ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރާށެވެ. ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ އަދި މަގާމުން ވަކިކުރަން ފޮނުވީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށްވެސް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީއިން މިއަދު މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށްވެސް ހައިލަމްގެ ސިޓީގައިވެއެވެ.