ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމަށް ކުރިމަތިލެއްވި ކުރީގެ ޑެޕިއުޓީ ޕީޖީ އަދި ގާނޫނީ ވަކީލު ހުސެއިން ޝަމީމްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަ (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ޝަމީމްގެ މައްސަލައެއް އިއްޔެ އޭސީސީއަށް ހުށަހަޅާފައިވާކަން އޭސީސީން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. އެގޮތުން އޭސީސީން ބުނީ، ޝަމީމްއާ ބެހޭގޮތުން ހުށަހަޅާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ދައުވާ ނުކުރަން ނިންމި މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް އޭސީސީން ހާމަ ކޮށްފައެއް ނުވެއެވެ.

އޭސީސީން ބުނީ، އެ މައްސަލަ ތަހުގީގު ކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

ޝަމީމްއާ ބެހޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކީ އޭނާ ޑޭޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި އިރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކު، ގަވާއިދާ ހިލާފަށް ރާއްޖެއަށް ބުދެއް އެތެރެ ކުރި މައްސަލައިގައި ދައުވާ ނުކުރަން ނިންމި ކަމަށް ބުނާ މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޕީޖީގެ މަގާމުގައި ދާދި ފަހަކާ ޖެހެންދެން އިންނެވި އައިޝަތު ބިޝާމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ ޝަމީމާއި، ކުރީގެ ޑެޕިއުޓީ ޕީޖީގެ މަގާމު ފުރުއްވި މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު އަހްމަދު ޒަނީން އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ އެންމެ ނަމެކެވެ. އެއީ ޝަމީމެގް ނަމެވެ. ޝަމީމްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީއަށް ފޮނުވާފައިވާއިރު، އެ ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ މިރެއެވެ.