ތައުލީމާއި ސިއްހަތު ހިމެނޭ ގޮތަށް ސަރުކަރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ހަތަރު ބިލެއް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާ ބިލްތަކުގެ ތެރޭގައި ތައުލީމުގެ ބިލަކާއި، މަތީ ތައުލީމުގެ ބިލެއް އަދި ނަފްސާނީ ސިއްހަތުގެ ބިލެއްގެ އިތުރުން އެއްމެދު އިމާރާތުގެ ބިލެއް ހިމެނެއެވެ.

ތައުލީމުގެ ބިލު

ތައުލީމުގެ ބިލަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމު ކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަށް ހުށަހަޅާފައިވާ ބިލެކެބެ. މި ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރެއެވެ.

މަތީ ތައުލީމުގެ ބިލު

މަތީ ތައުލީމުގެ ބިލަކީ، ރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުސުލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގެ ދަށުން މަތީ ތައުލީމުގެ ކަންކަން ވިލަރެސް ކުރުމަށާއި، އެފަދަ ތައުލީމުދޭ މަރުކަޒުތައް މޮނިޓަކޮށް، އެ މަރުކަޒުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރާނެއެވެ. މި ބިލުގައި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ރާއްޖޭގައި މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރެއެވެ.

ނަފްސާނީ ސިއްހަތުގެ ބިލު

ނަފްސާނީ ސިއްހަތުގެ ބިލަކީ، ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު އަހުލުވެރިކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ދިވެހި ދައުލަތުގެ ހަރަދުގައި ފަރުވާދިނުމުގެ ނިޒާމެއް ގާއިމުކޮށް، އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާއި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާގުޅޭ އުސީލުތައް ބަޔާންކުރެއެވެ. މީގެ އިތުތުން ވެސް މި ބިލުން ނަފްސާނީ ބަލީގެ ފަރުވާ އާއި އެފަދަ ފަރުވާއާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކުރެއެވެ.

އެއްމެދު އިމާރާތުގެ ބިލު

އެއްމެދު އުމާރާތުގެ ބިލަކީ، ރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގައި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތާއި އެތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ. މި ބިލުން އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަހައްދުތައް ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރަފު ކުރާނެއެވެ.