އަހަރުގެ މެދަކާ ހިސާބުން ފެށިގެން އަދާ ޖެހުނުއިރުވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ފަތަހަކުރަމުންދާ އެކަކީ ފިސާރި ރުޅިއައިސް، 'ދެން ކުރާނެ ކަމެއް ނެތޭ' ބުނާ ފަދަ ގޮތަކަށް، ދެ އުކުޅުގައި އަތް ވިއްދަލައިގެން ހުންނަ ފިރިހެނެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކަމާ ގުޅުންވެސް ނެތް އެކި ކަހަލަ ޖޯކުތަކާ ހަޖޫ ޖެހުމަށް ބޭނުން ކުރާ މީމްތަކުގެ ރަމްޒީ ސިއްކައަކަށްވި މި މީހަކީ ކާކު ހެއްޔެވެ؟ މިކަމަށް މިވަރެއް މިވީ ކީއްވެހެއްޔެވެ؟

ވެގެން އުޅޭ ގޮތެއް ބަލާލަން މަޖުބޫރުވީ ފިހާރައެއްގެ މެނިކިންއެއްވެސް ހަމަ އެ ފާޑަކަށް ހުރިތަން ފެންނަ ފޯޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ. ކުރިން މާބޮޑު ސަމާލުކަމެއް ނުދެވި އޮތް މިކަން ގުޅެނީ ޕާކިސްތާނާއެވެ. މުޅި އިންޓަނެޓް ފަތަހަކުރި މީމްގައި ބޭނުންކުރަމުންދާ ފޮޓޯއިން އެ ފެންނަނީ ޕާކިސްތާނުގެ ކުރިކެޓް މެޗެއް ބަލަން ގޮސް އެ ގައުމުގެ ކުރިކެޓް ފޭންއެކެވެ.

ކުރިކެޓް މެޗުގައި ޕާކިސްތާނުގެ ފޭނު ހިތްހަމަނުޖެހިގެން ހުއްޓުނު ވަގުތު ކެމެރާތަކުން ނެގި މަންޒަރު/ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

މިއީ މިއަހަރުގެ މެދެއްހާ ހިސާބުގައި ކުރިއަށްދިޔަ ކުރިކެޓް ވާލްޑް ކަޕް މުބާރާތުގައި އޮސްޓްރޭލިޔާއާއި ދެކޮޅަށް ޕާކިސްތާނު ނިކުތް މެޗުގެ މަންޒަރެކެވެ. މީމްއިން ފެންނަ ރުޅިގަދަ ފިރިހެން މީހަކީ ލަންޑަންގައި ދިރިއުޅޭ ޕާކިސްތާނުގެ ކުރިކެޓް ފޭންއެކެވެ.

ވެގެން އުޅޭ ގޮތެއް ސާފުކޮށްދިނީ އައިސީސީ ކްރިކެޓް ވާލްޑް ކަޕްގެ މަޝްހޫރު ޕްރެޒެންޓަރު ޒައިނަބް އައްބާސްއެވެ. އައިސީސީ ކްރިކެޓް ވާލްޑް ކަޕްގެ ރަސްމީ ޓްވިޓާ ހޭންޑްލްއިންވެސް މިކަން ވަނީ ފާހަގަކޮށްފައެވެ.

ޒައިނަބް އައްބާސް ކުރި ސުވާލަށް އެ ފޭން ޖަވާބު ދިނީ ފިސާރި ސާބިތުކަމާއެކުގައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މޫނު މައްޗަށް އެ ވަގުތު އަރައިގެން ދިޔަ ކުލަވަރަކީ، ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ފައިސަލް އަލީގެ އަތުގައި ބޯޅަޖެހި އޭނާ އަތުން އެ ދުވަހު 2 ވަނަ ފަހަރަށް ބޯޅަ ދޫވުމުން އަރާ ފައިބައިގެން ދިޔަ ކުލަވަރެއް ކަމަށެވެ. އާސިފް އާއި ދިމާލަށް ފިސާރި އެއްޗިހި ގޮވާލަން ބޭނުންވި ކަމަށާ، ނަމަވެސް އެއީ އާސިފްގެ 19 މަހުގެ އަންހެން ދަރިފުޅު ކެންސަރު ބަލީގައި މި ދުނިޔެއާއި ވަކިވިތާ ކުޑަ ދުވަސްކޮޅެއް ކަމުން އޭނާއަށް ދިމާލަށް އެއްޗިހި ގޮވަން ނުކުރެގެން މޫނަށް އެރި ކުލަވަރުތަކެއް ކަމަށާ، ހަށިގަނޑަށް ގެނެވުނު އިޝާރާތެއް ކަމަށް އެ ފޭން ވަނީ ކިޔައިދީފައެވެ.

ހަގީގަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީ ނަމަވެސް، މިއިން ދުވަހަކު މިމީމް ސޯޝަލް މީޑިއާއިން ފޮހެވޭނެ ހެނެއް ހިއެއް ނުވެއެވެ!