ސިފައިންގެ ބަންޑާރަ ކޮށްޓަށް ވޭނެއްގައި މީހަކު ވަން މައްސަލައެއް ފުލުހުންނާއި އެމްއެންޑީއެފުން ގުޅިގެން ބަލަން ފަށަފިއެވެ.

އެ މައްސަލައިގައި ހިމެނޭ މީހާ ބަންޑާރަ ކޮށްޓަށް ވަދެ އެތަން "ގޮއްވާލާނެ" ކަމުގެ އިންޒާރު ދިން ކަމަށް ބައެއް ނޫސްތަކުގައި ފެތުރި ހަބަރާ ގުޅެގޮތުން އެކަން ދޮގު ކޮށްވެސް އަދި އެކަން އެ ގޮތަށް ހިނގި ކަމަށްވެސް އެންއެންޑީއެފަކުން ނުބުނެއެވެ. އަދި މި މައްސަލައިގައި ފުލުހުންވެސް އެއްޗެއް ނުބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ 9:00 ގައި ބަންޑާރަކޮށި މައިގޭޓުން ސީ ބޯޑު ޖަހާފައި އޮތް ވޭނެއް ވަދެފައިވާ ކަމަށެވެ. ސިފައިން އެވޭން ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށާއި އެ ވޭނުގައި އެވަގުތު ދުއްވަން އިން ބިދޭސީ ޑްރައިވަރުގެ އިތުރުން އިތުރު މީހަކު ނެތް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

'ދަ ޕްރެސް' އަށް އެނގިފައި ވާގޮތުން، އެ ވޭން ބަންޑާރަކޮށީގެ ގޭޓުން އެތެރެއަށް ވަދެފައި ވަނީ ސިފައިންގެ އުޅަނދެއް އެތަނަށް ވަންނަން ދިޔަ ވަގުތު އެ އުޅަނދުގެ ފަހަތުން ގޮހެވެ. ގޭޓުން ވަނުމުގެ ކްލިއަރަންސް އެ ވޭނަށް ލިބުނީ އޭރު ބަންޑާރަކޮށީގައި ތިބި ޑިއުޓީ އޮފިސަރުންނަށް އެ ވޭނަކީ ސިފައިންގެ ވެހިކަލެއް ކަމަށް ހީވުމުން ކަމަށް ވަނީ އެނގިފައެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ބޮން ހަދައި، ބޮން ގޮއްވައިގެން މީހުން ހައްޔަރުކޮށް ދައުވާކޮށްފައި ވެއެވެ. ރާއްޖޭގައި ޓެރަރިސްޓް އަމަލުތަށް ހުއްޓުމަށް ސިފައިން ދަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.